ސަރުކާރުން ގެދޮރުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ މާލޭގައި ކުއްޔަށް ހިފައިގެން އުޅޭ މީހުން ކުލި ދެއްކޭނެ ގޮތެއް ނެތިގެން އުފަން ރަށަށް ބަދަލުވާން ޖެހިފައިވާ ވާހަކަ އެވެ.
މިކަމާ ގުޅޭގޮތުން މެންބަރު އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިޔާ، ބިސް، އަލުވި، މުުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލް ކުރާ ބީދައިން ސަރުކާރަށް ގެދޮރުގެ ކުލި ކޮންޓްރޯލް ކުރެވެންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑު އަގުގައި ކުއްޔަށް ދީފައިވާ އިމާރާތްތަކުގެ ތެރޭގައި ބޭންކަށް ދައްކަން ޖެހޭ ލޯނު ދައްކާ ނިމިފަ ހުރި ތަންތަން މަދު ނޫން ކަމަށެވެ.
އިތުރަށް ވިދާޅުވީ ޑިމާންޑް އެންޑް ސަޕްލައި އުސޫލުތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މުހިންމުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގޭ ކުލި ކުޑަކުރާ ވާހަކަ މިވަގުތު ދައްކަން ޖެހެނީ ހަމައެކަނި މާލޭގައި ނޫންކަމަށެވެ. މާލެ ސަރަހައްދާއި އަތޮޅު ތެރޭގައިވެސް ކުއްޔަށް ދެވޭ ތަންތަނުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ.
https://twitter.com/AleeVoice/status/1246416159152324609
އަލީ ވިދާޅުވީ ކުލި ކޮންޓްރޯލް ކުރުމުގެ ބޭނުމަކީ އެކަމުގައި އުސޫލާއި ހަމައެއް ގާއިމް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ މާލެއަށް ބަލާނަމަ ޑިމާންޑަށް ބަލައިގެން ޓެކްސީ އަގު ސަރުކާރުން ކޮންޓްރޯލް ކުރަމުންދާއިރު ކުލި ކޮންޓްރޯލް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.
އިތުރަށް ވިދާޅުވީ ޓެކްސީ ކުރުމުގެ ހުއްދަ ސަރުކާރުން ނަގަން ޖެހޭ ފަދައިން ކުއްޔަށްދޭ ތަންތަން ކައުންސިލްތަކުގައި ރަޖިސްޓްރީ ކުރުމަކީ ބިމާ ބެހޭ ގާނޫނުން ލާޒިމް ކަމެއް ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ގިނަ މީހުން ނުކުރާ ކަމަށެވެ.
މި ސަރަހައްދުގެ ގައުމުތަކުގައި ރާއްޖެ ފިޔަވާ ކުލި ކޮންޓްރޯލް ނުކުރާ ގައުމެއް ނެތެވެ. އިންޑިއާ އަދި ލަންކާ ފަދަ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ގައުމުތަކުގައި ކުއްޔަށް ދޫކުރާ ތަންތަނުގެ އަގު ސަރުކާރުން އޮންނަނީ ކޮންޓްރޯކޮށްފައި އެވެ.
އެކަމަކު މާލޭގައި ގެދޮރު ކުއްޔަށް ދޫކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އަމިއްލަ މީހުންގެ ގޭގޭގެ ކުލި ސަރުކާރަށް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.
އެހެން ގައުމުތަކުގައި ކުލި ކޮންޓްރޯލް ކުރުމަށް ގާނޫނުުތައް ފާސްކޮށްފައިވެ އެވެ. މި ރާއްޖޭގައި އެފަދަ ގާނޫނެއް ފާސްކުރާކަށް މެންބަރުންވެސް އަދި ސަރުކާރުންވެސް މަސައްކަތެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް