ލަންކާއާ ކޮޗިންއިން ފުރަތަމަ ގެންނާނީ ބޭހަށް ގޮސް ނާދެވިފައި ތިބި މީހުން: މޯލްޑިވިއަން

މިއަދާ މާދަމާ މޯލްޑިވިއަންއިން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިންއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކުގައި މީހުން ގެނައުމުގައި އިސްކަން ދޭނީ ބޭހަށް ގޮސް ނާދެވިފައި ތިބި މީހުންނަށް ކ...

05 Apr 2020 | 01:33

މިއަދާ މާދަމާ މޯލްޑިވިއަންއިން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިންއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކުގައި މީހުން ގެނައުމުގައި އިސްކަން ދޭނީ ބޭހަށް ގޮސް ނާދެވިފައި ތިބި މީހުންނަށް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މާކެޓިން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެ ދެ ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ފުރަތަމަ ބާއްވާ ދަތުރުތަކުގައި އިސްކަން ދޭނީ މިވަގުތު އެގައުމުތަކަށް ބޭސް ފަރުވާ އަށާއި އެނޫން ކަންކަމުގައި ކުރުމުއްދަތަކަށް ގޮސް ތިބި މީހުންނަށް ކަމަށެވެ.

ވަސީމް ވިދާޅުވީ އެގޮތަށް ރާއްޖެއިން ބޭރަށް ގޮސް ތިބި މީހުންގެ މައުލޫމާތު ސަރުކާރު މެދުވެރިކޮށް ހޯދާނެ ކަމަށެވެ. އެއީ މިވަގުތު އެމީހުންނަށް ރާއްޖެއިން ބޭރުގައި ތިބުން ދަތިވާނެތީ ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ސިޓީތަކުގައި ދިރިއުޅޭ މީހުންނަށްވުރެ މިވަގުތު ހާލުގައި ތިބީ ވަގުތީ ގޮތުން ބޭސްފަރުވާ އަށާއި އެނޫން ކަންކަމުގައި ގޮސް ތާށިވެފައި ތިބި މީހުން ކަމަށެވެ. އެހެންވެ އެމީހުންނަށް އިސްކަން ދޭނެ ކަމަށާއި އޭގެ މާނައަކީ އެތަނުގައި ދިރިއުޅޭ ނުގެނެސް، މީހުން ހާލުގައި ނޫޅޭ ވާހަކަ ނޫން ކަމަށް ވިދާޅުވި އެވެ.

މޯލްޑިވިއަންއިން ބުނީ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން މެސެޖު ކުރުމުން އޮފީސް ބަންދު ގަޑިއެއް ކަމަށް ބުނެ އޮޓޯ މެސެޖު ދިޔަޔަސް އެ ކުންފުނީގެ މުވައްޒަފުން ރާއްޖެ އަންނަން ބޭނުންވެގެން މެސެޖު ކުރާ ކޮންމެ މީހަކަށް ޖަވާބު ދޭނެ ކަމަށެވެ. އަދި އެކަމާ މާބޮޑަށް ހާސް ނުވުމަށް އެދެ އެވެ.

މޯލްޑިވިއަން އިން މިއަދު ކޮލަމްބޯއަށް ދެ ދަތުރު ކުރާނެ އެވެ. އޭގެން ކޮންމެ ދަތުރެއްގައި ގެންނާނީ50 މީހުންނެވެ. އަދި މާދަމާ ކޮޗިން އަށް ކުރާ ދަތުރުގައި200 މީހުން ގެންނާނެ އެވެ.

މީގެ ކުރިން ސަރުކާރުން ބުނީ ބޭސްފަރުވާ އާއި އެނޫން ކަންކަމުގައި ވަގުތީ ގޮތުން ކޮޗިން އާއި ޑްރިވެންޑްރަމްގައި200 އެއްހާ މީހުން އެބަތިބި ކަމަށެވެ. އަދި ލަންކާގައިވެސް ސްކޫލް ބަންދާ ދިމާކޮށް ސިއްހީ ފަރުވާއަށް ދިޔަ މީހުން ތާށިވެފައި އެބަތިބި ކަމަށެވެ.

މޯލްޑިވިއަން އާއި ސަރުކާރާއި ގުޅިގެން ކުރިޔަށް އޮތްތާ ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެނައުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެހެން ގައުމުތަކަށްވެސް ދިވެހިން ގެންނަން ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް