ހައްޔަރުކުރި މީހުން ކޯވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދޭން ދެކޮޅު ހަދައިފި

މިއަދު އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހަދައިފި އެވެ. މިއަދުގެ އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ކުރިޔަށް ގެންގޮސްފައިވަނ...

05 Mar 2021 | 18:42

މިއަދު އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހަދައިފި އެވެ.

މިއަދުގެ އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ކުރިޔަށް ގެންގޮސްފައިވަނީ އެކި ގްރޫޕުތަކަށް ބެހިގެން މާލޭގެ އެކި ސަރަހައްދުތަކުގައި އެވެ. ފުލުހުން އޮތީ އާންމުކޮށް އިދިކޮޅުން އެއްވާ ޕީޕީއެމް އޮފީސް ސަރަހައްދު ދުރާލާ ބަންދުކޮށްފައި އެވެ.

މިއަދުގެ މުޒާހަރާއިން 38 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެމީހުން ގެންގޮސްފައިވަނީ އަތޮޅުވެހި (ޕޮލިސް ކަސްޓޯޑިއަލް) އަށެވެ.

ފުލުހުންގެ މީޑިއާއިން މިރޭ ބުނީ އެމީހުން އެތަނަށް ގެންގޮސް ކޯވިޑަށް ޓެސްޓު ކުރަން ސާމްޕަލްދޭން ފުލުހުން އެދުނު ކަމަށެވެ. އެކަމަކު އެ އެންމެންވެސް އެކަމަށް އިންކާރުކޮށްފައިވާތީ ސާމްޕަލް ނަގާފައި ނުވާނެ ކަމަށް ބުންޏެވެ.

އެމީހުންގެ ސާމްޕަލް ނަގައި ކޯވިޑަށް ޓެސްޓު ކުރަން މަސައްކަތް ކުރީ އެއީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބޭއްވި އެއްވުމަކަށް ވާތީ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހުން ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓުވެފައިވުމާއި އަތޮޅުވެއްސަކީ ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓާ ތަނަކަށް ވާތީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެއްވެސް އިންޒާރަކާއި ނުލައި މުޒާހަރާ ރޫޅާލާނެ ކަމަށް ކުރިންސުރެ އޮތީ އަންގާފަ އެވެ. މާލެ ސަރަހައްދުގައި ފަސް މީހުންނަށްވުރެ ގިނައިން އާންމު ތަންތަނުގަ އެއްކޮށް އުޅުމަކީ މަނާ ކަމެކެވެ.

އިދިިކޮޅު ކޯލިޝަނުން ބުނީ ހައްގުތައް ހޯދަން ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށެވެ. އިދިކޮޅުން މިހާރު މުޒާހަރާ ކުރަމުން ދަނީ "ކޮބާ މަގޭ ފްލެޓް" ގެ ނަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް