ޓޫރިޒަމް ދާއިރާގެ 8،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފި

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 8،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. އެ ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާފައިވަނީ މ...

05 Mar 2021 | 15:00

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 8،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ 8،800 މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށެވެ. އެ ހުރިހާ މުވައްޒަފުންނަކީ އެ ދާއިރާގައި ކޯވިޑް ބަލީގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ އަވަހަށް ވެކްސިންދީ ނިންމާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓޫރިޒަމް ދާއިރާގަ ވެކްސިން ދިނުމުގައި ފުރަތަމަ އިސްކަން ދެނީ ބަލީގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރާ މުވައްޒަފުން ނުވަތަ ފްރޮންޓްލައިން މުވައްޒަފުންނަށެވެ. އެއީ ގިނައިން ޓޫރިސްޓުންނާއި ބައްދަލުވެ މުއާމަލާތް ކުރަން ޖެހޭ މުވައްޒަފުންނެވެ.

https://twitter.com/MoTmv/status/1367836356433506305

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައި ވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބެޗުގައި ފްރޮންޓްލައިންގަ މަސައްކަތް ކުރާ 10،000 މުވައްޒަފުންނަށް ވެކްސިން ދިނުމަށެވެ. ވެކްސިން ދެނީ އީމެއިލް މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީގައި ރެޖިސްޓްރީވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

ރެޖިސްޓްރީވުމުގެ ފުރުސަތު ހޮޓާތަކާއި، ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮންނާނެ އެވެ. އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.

އެ އީމެއިލްގައި މީހާގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައިވެ އެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް