މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓި (އެމްއެންޔޫ) އިން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަހުމަދު ސަސްޕެންޑުކޮށްފި އެވެ.
ޑރ. އިޔާޒަކީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ އިއްޔެ އެވެ.
ޑރ. އިޔާޒު މީޑިއާގައި ވިދާޅުވީ ސަސްޕެންޑު ކުރިކަން އެންގީ ކްލާހެއް ނަގައިދޭން ދާން ތައްޔާރުވަމުންދަނިކޮށް ކަމަށެވެ. އަދި އެ ކްލާސް ނަގައި ނުދިނުމަށްވެސް އެންގި ކަމަށް ވިދާޅުވި އެވެ.
ސަސްޕެންޑު ކުރި ސަބަބެއް ކަމަށް އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ސަސްޕެންޑު ކުރީ ސޯޝަލް މީޑިއާ ނެތްވޯކް ޓުވިޓާގައި ކުރެއްވި ޓުވީޓުތަކަކާއި ގުޅިގެން ކަމަށެވެ. ގާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށާ އަދި ކުރިއަށް އޮތްތާވެސް ނުކުރައްވާނެ ކަމަށެވެ.
ސަސްޕެންޑު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހަކުރާ ގޭގައި އެކޮޅުކޮޅުން އެލުވާފަ ހަވަރަށް ދިނަސް ހައްގު ބަސް ވިދާޅުވާނެ ކަމަށެވެ. އަދި ކޮންމެ ފިޔަވަޅެއް އެޅިޔަސް ﷲގެ ރަހުމަތާއި އެކު އޭނާ ގުޑުވާނުލެވޭނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/dr_iyaz/status/1367838024562745349
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށް ކުރިންވެސް އެމްއެންޔޫއިން ބުނެފައިވެ އެވެ. އަދި އެ ޓްވީޓްތަކުގެ ސަބަބުން އެމްއެންޔޫގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް މިދިޔަ އަހަރު އިންޒާރު ދީފައިވެ އެވެ.
މިފަހަކަށް އައިސް އެންމެ ގިނައިން ޑރ. އިޔާޒު ޓުވިޓާގައި ވަކާލާތު ކުރައްވަމުން ގެންދަވަނީ މިސްކިތްތަކުގައި ގައިދުރު ކަމާއި އެކު ނަމާދު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެވެ. ދެން ވަކާލާތު ކުރައްވަމުން ގެންދަވަނީ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ދެކޮޅަށެވެ.
ޑރ. އިޔާޒް ފާހަގަކުރެވިފައިވަނީ މި ސަރުކާރާ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ދިފާއު ކުރައްވާ ބޭފުޅެއްފެ ގޮތުގައެވެ. އެކަމަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޅުގައި އެއްޗެހި ކިޔުއްވާ އަދި ނަޝީދުގެ ބައެއް ނިންމުންތަކާއި ވާހަކަފުޅުތައް ދީނާ ހިލާފުކަމަށް ޑރ. އިޔާޒު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް