ކޯވިޑް-19 ވެކްސިން ދޭން ފެށި ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ނުވަނީ ވެކްސިނަށް އެދެވޭ ތަރުހީބު ލިބެމުން ނުދާތީ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ރާއްޖޭގައި ވެކްސިން ދެމުން ދިޔަ ނަމަވެސް ބަލި ކޮންޓްރޯލް ނުވާކަމަށް ބުނެ ފިޔަވަޅުތައް ވަރުގަދަ ކުރާތީ ބައެއް ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި ވެކްސިން ދިން ބައެއް ގައުމުތަކުގައި ބަލި ކޮންޓްރޯލްވެފައިވާއިރު ރާއްޖޭގައި ނުވަނީ ކީއްވެތޯ ދަނީ ސުވާލު ކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން "ދުވަސް" އިން ސުވާލު ކުރުމުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން ވެކްސިން ދީގެން ބަލި ކޮންޓްރޯލް ވެފައިވަނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީފައިވާ ގައުމުތަކުގައި ކަމަށެވެ. އޭގެ ތެރޭގައި އިޒްރާއީލް ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެ ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމުން ބަލި ކޮންޓްރޯލްވެ ހާއްސަކޮށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެން ޖެހޭ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް ދަށަށް ދަމުންދާ ކަމަށެވެ. އެފަދަ ނަތީޖާތައް ނެރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެޗްޕީއޭއިން އުންމީދު ކުރާ އަދަދަށް ރާއްޖޭގައި މީހުން ކޯވިޑް ވެކްސިން ޖަހަން ނުދާ ކަމަށެވެ. ހާއްސަކޮށް ކޯވިޑާއި ގުޅިގެން ކޮންމެހެން ވެކްސިން ޖެހުން މުހިންމު ކެޓަގަރީތައް ކަމަށްވާ ހައި ރިސްކު ކެޓަގަރީ އާއި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ މީހުން މާލެ ސަރަހައްދުގައިވެސް ވެކްސިން ޖަހަން ނުދާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފަ ވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދޭންފެށިތާ ކުރީ ކޮޅު ވެކްސިން ޖެހުމަށް ބޮޑު އެއްބާރުލުމެއް ލިބުނު ނަމަވެސް ވަރަށް ބޮޑަށް ތަރުހީބު ވަނީ ކުޑަވެފަ އެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހާފައިވަނީ 137،124 މީހުންނަށެވެ. އޭގެ ތެރެއިން މާލޭގައި 84،891 މީހުންނަށް ވެކްސިން ދީފަ ވާއިރު އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 52،233 މީހުންނަށެވެ.
ކޯވިޑްގެ ދެވަނަ ޑޯޒު ދިނުމަށް ހަމަޖެހިފައިވާ ވެކްސިން ޖަހާތާ އަށް ހަފްތާ ފަހުންނެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ވެކްސިން ޖަހާތާ ދެ ހަފްތާ ފަހުން އޭގެ އަސަރު ކުރަން ފަށާނެ އެވެ.
އެކަމަކު ދެ ވަނަ ޑޯޒު ޖެހުމާއި ހަމައަށްވެސް ވައިރަހުން ރައްކާތެރިވުމަށް މާސްކު އެޅުމާއި ގައިދުރުކަމުގައި އުޅުމަށް އިސްކަން ދޭން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް