ފިތުނައަކީ ހިތާއި ސިކުނޑިއަށް ޖެހޭ މުސީބާތެއް، އެންމެ ނުރައްކާތެރީ ދީނީ ފިތުނަ: ޚުތުބާ

ފިތުނަވެރިކަމަށް މަގުފަހި ބައިބައި އުވާމާއިކުރުމަކީ ޝައިތާނީ އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ރާއްޖޭގެ މިސްކިތްތަކުގަ މިއަދު އިއްވެ ހުކުރު ހުތުބާގައި ބުނެފައިވަނީ ފިތުނައަކީ ހިތ...

05 Mar 2021 | 08:43

ފިތުނަވެރިކަމަށް މަގުފަހި ބައިބައި އުވާމާއިކުރުމަކީ ޝައިތާނީ އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ މިސްކިތްތަކުގަ މިއަދު އިއްވެ ހުކުރު ހުތުބާގައި ބުނެފައިވަނީ ފިތުނައަކީ ހިތާއި ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށެވެ. އޭގެ ސަބަބުން ކެތްތެރިން އާވާރާވެ، މަގު އޮޅިދެ އެވެ.

ހުތުބާގައި ބުނީ އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމަށެވެ. އެއީ ﷲ ގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެވޭ ފިތުނައެއް ކަމަށް ބުނެފަ ވެއެވެ.

ހުތުބާގައިވަނީ ފިތުނައިގެ ސަބަބުން ކިތައް މީހުން ހައްގުން އެއްކިބާވެ، ހަލާކުވެ ގޮސްފައިވާކަން އެނގޭތޯ ސުވާލުކޮށްފަ އެވެ. ހުތުބާގައި ބުނީ ފިތުނައަކާ ނުލައި، މަރުގެންނެވުމަށް އެދިވަޑައިގެން، ކީރިތި ރަސޫލާ ވަނީ، އަޅަމެންގެ ދީނުގައި އަޅަމެންނަށް މުސީބާތެއް ނުލެއްވުމަށް އެދި ދުއާ ދަންނަވާފައި ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ފިތުނައިގެ ސަބަބުން އެތަން ބަޔަކު ހަލާކުވެ ހައްގުން އެއްކިބާވެފައިވާ ކަމަށެވެ. ފިތުނަ އުފެއްދުމަށް ހަގީގަތާއި ހިލާފު ވާހަކަ ފެތުރުމަކީ މީހުން ރުޅިއަރުވައ ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުން ކުރެވޭ އެންމެ ވަރުގަދަ ވަސީލަތެވެ.

މިފަދަ ދޮގު ވާހަކަތައް ފެތުރުނަނުދިނުމަށް ހަބަރުފަތުރާ ވަސީލަތްތަކަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެގޮތުން މައުލޫމާތު ފަތުރާއިރު ހަބަރުގެ ދޮގު ތެދު ބެލުމަށް އިސްކަން ދޭން ޖެހެ އެވެ.

ހުތުބާގައި އިތުރަށް ބުނީ ފިތުނައިން ސަލާމަތް ވެވޭނީ ހަމަ ބުއްދި ބޭނުންކޮށް، ރަނގަޅު ގޮތް ދެނެގަނެ، އެއަށް ތަބާވެގެން ކަމަށެވެ. ގައުމެއްގައި، ސައްހަ ތެދު މައުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ، އެ ގައުމެއް ކުރިއަރާނެ ކަމަށެވެ.

އަދި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި ޢިއްޒަތް އުފުލޭނެ ކަމަށެވެ. އެކަމަކު ނަބަވީ ހިދާޔަތާއި، ޝަރުއީ މިންގަނޑު ކަމުގައިވާ ދީނުގެ މެދުމިނުން ކައްސާލައިފި ނަމަ، ހައްދު ފަހަނަޅާފައިވާ ހިޔާލުތަކުގެ ދަލުގައި ޖެހި، ފިތުނައިގެ ކަނޑަށް ޣަރަގުވެދާނެކަން ވެސް ހުތުބާގައި ފާހަގަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް