ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހުނީ މިދިޔަ ހަފްތާގަ

ރާއްޖޭއިން ކޯވިޑް-19ގެ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް އެއް ހަފްތާ ތެރޭގައި އެންމެ ގިނަ މީހުން ޕޮސިޓިވްވީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެ...

05 Mar 2021 | 03:06

ރާއްޖޭއިން ކޯވިޑް-19ގެ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް އެއް ހަފްތާ ތެރޭގައި އެންމެ ގިނަ މީހުން ޕޮސިޓިވްވީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތަށް އަންނަމުންދާ ބަދަލަށް ބަލާއިރު މިހާރު އޮތީ އެންމެ ނާޒުކު ހާލަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑްގެ ހާލަތު އަދިވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ކަމަށާއި މިދިޔަ ހަފްތާއަކީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހުނު ހަފްތާ ކަަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑް-19 އަށް 1،020 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ކުރިން އެއް ހަފްތާ ތެރޭގައި އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ ކޯވިޑްގެ ލޮކްޑައުނަށް ފަހު މިދިޔަ އަހަރުގެ ޖުލައިގަ އާ އާންމު ހާލަތުގަ ގައުމު ހުޅުވާލުމުން އައި ކޯވިޑްގެ ދެ ވަނަ ރާޅުގައި އެވެ.

އެ ފަހަރު އެ ހަފްތާ ތެރޭގައި ޕޮސިޓިވްވެފައިވަނީ 971 މީހުންނެވެ. ރާއްޖޭގައި ހަފްތާ ގުނަނަނީ ކޯވިޑްގެ ފުރަތަމަ ކޭސް ފެނުނު ދުވަސްކަމަށްވާ އަންގާރައިން އަންގާރަ އަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ނިންމީ ހާލަތު ގޯސްވަމުންދާތީ ކަމަށެވެ. އަދި މިހާރު މިއޮތް ހާލަތުން ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ވައިރަސް ކޮންޓްރޯލް ކުރަން ގިނަ ދުވަސް ނަގާނެ ކަމަށް ވިދާޅުވި އެވެ.

ވައިރަސްގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނާއި ބަލީގަ މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން 180 މީހަކަށް ދަނީ ފަރުވާ ދެމުންދާއިރު 64 މީހަކު ވަނީ ބަލީގަ މަރުވެފަ އެވެ.

މި ބަލީގަ އެންމެ ގިނަ މީހުން މަހެއްގެ ތެރޭގައި މަރުވެފައިވަނީ މިދިޔަ މަހު އެވެ. މިދިޔަ މަހު 10 މީހުން ކޯވިޑް ޖެހިގެން މަރުވެފައިވާއިރު މިމަހުގެ ފުރަތަމަ ހަތަރު ދުވަސް ތެރޭގައި ކޯވިޑް ޖެހިގެން ދެ މީހުން ވަނީ މަރުވެފަ އެވެ.

މިހާތަނަށް ރާއްޖެއިން 20،447 މީހުން ކޯވިޑަށް ޕޮސިޓިވްވެފަ ވެ އެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 17،712 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް