މިޔަންމާގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ދިވެހި ސަރުކާރުގައި ބަޔާނުގައި ބުނެފައިވަނީ އެކެއް ފެބްރުއަރީ 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާކަމަށެވެ.
މިޔަންމާގެ އަސްކަރިއްޔާއިން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
އަދި ޤާނޫނާ ޚިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އިންސާނީ ހައްޤުތަކުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، އަދި ވެރިކަމުގެ ބާރުތައް، އިންތިޚާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.
މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް