ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާސްކާއި ސެނިޓައިޒާ އެބަހުރި ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގް ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯގައި ކޮވިޑް-19 އާ ގުޅިގެން ބޭހުގެ ދަތިކަމެއް ވެސް ނެތް ކަމަށެވެ. އަދި ވައިރަހަށް ބޭނުންވާ ބޭހާއި މާސްކު ސްޓޮކްގައި އެބަހުރި ކަމަށާއި، އިތުރަށް މާސްކާއި ބޭސް ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ދުރާލާ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން އަންނަކަމަށާއި، މިވަގުތަށް ކޮވިޑް-19 އާ ގުޅިގެން ކުރެވެން ހުރި ކަންތައްތައް ކުރަމުން އަންނަ ކަމުގައެވެ. މިގޮތުން ރަށް ރަށުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓް ވެސް ފޯރުކޮށްދެމުން އަންނަ ކަމުގައި އަމްރު ފާހަގަކުރެއްވި އެވެ.
އިންޑިއާއިން ބޭސް އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައިވުމުން އޭގެ އެހާ ބޮޑު ގެއްލުމެއް ނުކުރާނެ ކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ވެސް އިންޑިއާ ސަރުކާރުން މިގޮތަށް އެކްސްޕޯޓް ކުރުން މަޑުޖައްސާލި އެއްޗެހި ރާއްޖޭގެ ސަރުކާރުން އެދުމުން ހަމައެކަނި ރާއްޖެއަށް އެކްސްޕޯޓް ކޮށްފައި އެބަހުރި ކަމަށާއި މި ފަހަރު ވެސް ސަރުކާރުން މިކަމާ ގުޅިގެން އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމުގައި އަމްރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް