ކޮވިޑް-19: ބޭކާރު ބިރުވެރިކަމެއް އުފެއްދުމުގެ ބޭނުމެއް ނެތް!

"މިރޭގެ ނޫސްކޮންފަރެންސް ބަލާތި. މާލޭގައި ކޮވިޑް-19 ގެ ކަށަވަރު ކޭސް އެއް އަބަ އޮތް، އިތުރު ދެމީހަކު ޓެސްޓްކުރުން ކުރިއަށް އެބަދޭ،" އާއިލީ ވައިބާ ގްރޫޕްތަކާއި އެކުވެރިންގެ ވައިބާ ގްރޫޕްތަކުގައި މި މެސ...

05 Mar 2020 | 15:26

"މިރޭގެ ނޫސްކޮންފަރެންސް ބަލާތި. މާލޭގައި ކޮވިޑް-19 ގެ ކަށަވަރު ކޭސް އެއް އަބަ އޮތް، އިތުރު ދެމީހަކު ޓެސްޓްކުރުން ކުރިއަށް އެބަދޭ،" އާއިލީ ވައިބާ ގްރޫޕްތަކާއި އެކުވެރިންގެ ވައިބާ ގްރޫޕްތަކުގައި މި މެސެޖް ފެތުރުމާ އެކު ކުރަން ޖެހުނީ ބޮޑު މަސައްކަތެކެވެ. އެއީ ސުވާލުކުރި އެންމެނަށް ވެސް އިތުބާރު ކުރެވޭ ވަރުގެ ޖަވާބެއް ހޯދައި ދިނުމުގެ މަސައްކަތެވެ.

ކޮރޯނާ ވައިސް ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން ރާއްޖޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ ބޭފުޅުންނާ ގުޅައިލުމުން ދެއްވީ ވަރަށް ސާފު، އެހައިމެ ކުރު ޖަވާބެކެވެ.

"އެއްވެސް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އަޅުގަނޑުމެން އެކަން ވަގުތުން ހާމަކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ޖަވާބަކީ ކޮރޯނާ ވައިރަސް ދުނިޔޭގެ ހެލްތު އިމަޖެންސީއަކަށް ވުމުގެ ކުރިން ފެށިގެން ސަރުކާރުން ތަކުރާރުކޮށް ދެމުން އަންނަ ޖަވާބެކެވެ. އެ ޖަވާބަށް އިތުބާރު ކުރަން ޖެހޭ މުހިއްމު ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ.

ވައިރަހުގެ މާބޮޑު ހަގީގަތެއް އަދި ހޯދިފައި ނުވާ ކޮވިޑް-19 ފުރަތަމަ ފެނުނީ ބައިގިނަ ޗައިނާއިންނެވެ. އެއީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަވެސް ގައުމެވެ.

އެގައުމުން އެހެން ގައުމުތަކަށް ބަލި ފެތުރެން ފެށުމާ އެކު ރާއްޖެއަށް އެތެރެވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އެގޮތުން ފުރަތަމަ ކަރަންޓީނު ކުރި މީހުންގެ މައުލޫމާތު ދިނުމަށް ރޭގަނޑުގެ ވަރަށް ލަސް ވަގުތު ތަކުގައި ހެލްްތު މިނިސްޓްރީ ހުޅުވައިގެން ނޫސްކޮންފަރެންސްތައްް ބޭއްވި އެވެ. އެއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ނަމަ، ރޯގާ ޖެހިފައި ހުރި މީހަކު ފެނުމުން ނޫނީ މަސަައްކަތް ނުކުރާނެ މިންވަރެެެކެވެ.

"ޔަގީން އެއުޅެނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައި ހުރި މީހަކު ފެނިގެން، އެހެން ނޫނީ މިހާ ލަސް ގަޑިއެއްގައި ނޫސްކޮންފަރެންސެއް ނުބާއްވާނެ،" ނޫސްްކޮންފަރެންސް ފެށުމުގެ ކުރިން އެކުވެރި ނޫސްވެރިންގެ ވާހަކަ ހުރީ މިހެންނެވެ.

އޭރުގައި އެހެން  ގޮތަކަށް ވާހަކަ ދައްކާ ބަޔަކު ވެސް ސޯޝަލް މީޑިއާ ތެރެއިން ފެނެ އެވެ. އެމީހުން ފަތުރަމުން ދިޔަ ވާހަަކަ އަކީ ހަގީގަތުގައި އެ ރޯގާ ރާއްޖެއިން ފެނިއްޖެ ކަމަަށާއި ދަންވަރު  ނޫސްކޮންފަރެންސް ބާއްވަނީ އެހެންވެ، ކަމަށް ބުނެ ދައްކާ ފެތުރި ވާހަކަ އެކެެވެ.

ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް

ހަގީގަތަކީ ކޮރޯނާ ވައިރަސް ރާއްޖެއަށް، އަތުވެއްޖެ ހާލަތެއްގައި އެ މައުލޫމާތު ހާމަކޮށްގެން ރާއްޖެއަށް ލިބޭނެ އިތުރު ގެއްލުމެއް ނެެތް ކަމެވެ. އެހެނީ އެ ރޯގާގެ ސަބަބުން އިގުތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑެތި މައްސަލަތައް މިހާރުވެސް ވަނީ ދިމާވެ ނިމިފަ އެވެ.

ފުރަތަމަ ކަަމަކަށް ޗައިނާއިން މީހުން ދަތުރުކުރުން މިހާރުވެސް މިއޮތީ މަނާކޮށްފަ އެވެ. އޭގެ މާނައަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުުން އަންނަ ގައުމުން މީހުން މިހާރު ނައުމެވެ. ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ނުވަތަ އެ ރޯގާ ބާރަށް ފެތުރޭ އީރާން ފަދަ ގައުމަަކަށް ދަތުރުކޮށްފައި ވާ ނަމަ އެހެން ގައުމަަކަށް ދަތުރުކޮށްފައިވާ މީހަކު ވެސް ރާއްޖެއަކަށް އެތެރެއެއް ނުކުރާނެ އެވެ. އެކަން އޮތީ އެ ގައުމުތަކަށާއި ރާއްޖެއަށް ދަތުުރުުކުރާ އެއާލައިން ތަކަށް ވެސް އަންގާފަ އެވެ. އެހެންވީމާ އެ އެއާލައިން ތަކުން އެފަދަ މީހަކު ރާއްޖެއަށް ނުވެސް ގެންނާނެ އެވެ.

ދެވަނަ ކަމަކީ ރާއްްޖޭން ފުރިހަމައަަށް ތައްޔާރު ވެފައި އޮތުމެވެ. ދުނިޔޭގެ އެެހެން އެތައް ގައުމަކުން ނުވާ ވަރަށް ރާއްޖެއިން މިހާރު އޮތީ ތައްޔާރުވެފަ އެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްްޖެއަށް އެތެރެވާ މީހުން ސްކްރީންް ކުރުން ، އެހެން ގައުމުތަކަށް ވުރެ އިންތިހާއަށް ފަސޭހަވުމެވެ. ރާއްޖެއަށް ބޭރުން މީހުން އެތެރެވާން އޮތީ އެންމެ ތިން އެއާޕޯޓެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ހަނިމާދޫ އިންޓަނޭޝަަނަލް އެއާޕޯޓުން ދަތުރުކުރަނީ ބޭރުގެ އެންމެ މަންޒިލަކަށެވެ.

ހާސްކަން ކުޑަކޮށްދޭ އަނެއް ކަމަކީ ރާއްޖެއިން މިހާރު ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރެވޭ ކަމެވެ. ރާއްޖެއިން ބޭރުން އަންނަ މީހުންގެ އިތުރުން، ރޯގާ ޖެހި، އާދަޔާ ހިލާފް ގޮތްތަކެއްވާ ކޮންމެ މީހަކު ވެސް ރާއްޖޭން ޓެސްޓް ކުރާނެ އެވެ.

މިހާވަރަށް ތައްޔާރީތައް ވެފައި ވާއިރު، ރާއްްޖެއިން އެރޯގާ ފެނި، އެކަން ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތެވެ.

ދޮގު ވާހަކައިގެ ގެއްލުން ވަރަށް ބޮޑު

ކޮވިޑް-19 ފަދަ ގޮތް ނޭނގޭ ރޯގާއަކާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރާ މީހުންނަށް އެކުރެވޭ ކަމަކީ ހަގީގަތުގައި، އެރޯގާ އަތުވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާން ތިބި ހެލްތު އޮފިޝަލުން ވަރުބަލިކުރުމެވެ. އެހެނީ ދޮގު ވާހަކަ ފެތުރޭ ވަރަކަށް މީހުން ހޮސްޕިޓަލަށް ދާން ބޭނުންވާ ވަރު އިތުރުވާނެ އެވެ.

ކޮންމެ ރޯގާއަކާއި ކޮންމެ  ކެއްސުމެއްގެ ހަގީގަތް ބަލަން ބޭނުންވާނީ ލެބޯޓްރީ ޓެސްޓްތައް ހަދައިގެންނެވެ. އޭރުން އެކުރެވޭ ކަމަކީ މުހިއްމު ވަގުތަކަށް ބަހައްޓަން ޖެހޭ މެޑިކަލް ވަސީލަތްތަކުން އިސްރާފު ކުރުމެވެ.

ސައްހަ މައުލޫމާތު ފަސޭހައިން ލިބެން އެހެރީ އެވެ. ހެލްތު މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕޭޖްތަކާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޕޭޖްތަކުގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯގެ ޕޭޖްތަކުގައި މެ އެވެ. ދޮގު ވާހަކަ ހޯދައި ދޮގު ވާހަކަ ފަތުރައިގެން  ބިރުވެރިކަން އުފެއްދުމުގެ ބޭނުމެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް