މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު އަޅަން ހަވާލުކުރާނީ އިންޑިއާގެ ކުންފުންޏަކާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބްރިޖު އަޅަން ފެށުމުގެ ކުރިން، މެރިން ޖިއޯ ފިޒިކަލް ސާވޭގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ބްރިޖް އަޅަނީ އިންޑިއާގެ ލޯނުގެ އެހީގައި ކަމަށް ވާތީ، އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް އެ މަސައްކަތުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ އެ މަޝްރޫއުގެ އަގު އަދި ނުނިމޭ ކަމަށެވެ. އެގޮތުން، ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމާ ބެހޭ ގޮތުން އިންޑިއާގެ ސަރުކާރާ އެކު ކުރަން ޖެހޭ މަޝްވަރާތައް މިހާރު ވެސް ވަނީ ފަށައިފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.
ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުގެ އަޑި އާއި އެއްގަމުގެ ބިންގަނޑު އޮތް ގޮތް ބެލުމަށްޓަކައި ޖިއޯ ފިޒިކަލް ސާވޭ ކުރުމަށް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކަ އެވެ. މި މަހުގެ 15 ގައި ފަށާ މި ސާވޭ ނިންމާ ކޮތަށް އޮތީ އަންނަ ޖުލައި މިހުގެ ހަތަކަށް ށެވެ. މި ސާވޭގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15 މިލިއަން ޑޮލަރެވެ.
އަކްރަމް ވިދާޅުވީ ސާވޭ ކުރުމަށްޓަކައި ފުގްރޯ ކުންފުނިން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް