ކޮވިޑް-19: އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކޮށްފި

ޗައިނާއިން ބޭރުގައި އެންމެ ހަލުވިކަމާއި އެކު ކޮރޮނާ ވައިރަސް ފެތުރެމުންދާ އެއް ގައުމު ކަމަށްވާ އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކޮށްފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) އިން ބުނ...

05 Mar 2020 | 09:43

ޗައިނާއިން ބޭރުގައި އެންމެ ހަލުވިކަމާއި އެކު ކޮރޮނާ ވައިރަސް ފެތުރެމުންދާ އެއް ގައުމު ކަމަށްވާ އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) އިން ބުނީ އިޓަލީން ރާއްޖެ އައި އެމީހާ އިތުރަށް މޮނީޓާ ކުރުމަށް އެކަހެރިކޮށް ބަލަހައްޓަމުންދާ ކަމަށެވެ. ކަރަންޓީން ކުރާ މީހުން14 ދުވަސް ކަރަންޓިން ފެސިލިޓީގައި ހޭދަ ކުރަން ޖެހެ އެވެ.

އެމީހާ ކަރަންޓީން ކުރަން ނިންމީ ކޮން އަލާމާތްތަކެއް ފެނިގެން ކަމެއް ނޭނގެ އެވެ. އެޗްޕީއޭއިން ކުރިން ބުނެފައިވަނީ އަލާމާތްތަކެއް ނުފެނުނު ނަމަވެސް ވައިރަސް ފެތުރޭ ގައުމުތަކުން އަންނަ ދިވެހިންނަށް ރާއްޖެ އެތެރެ ވެވޭނީ ކަރަންޓީން ފެސިލިޓީގެ މުއްދަތު ހަމަކޮށްފައި ކަމަށެވެ.

އެމީހާ އާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

https://twitter.com/HPA_MV/status/1235499688452747265

ރާއްޖޭގައި ކަރަންޓީން ފެސިލިޓީ ގާއިމް ކޮށްފައިވަނީ ހުޅުމާލެއާ ގުޅުވާފައި އޮންނަ ފަރުކޮޅު ފުށީގަ އާއި އެސްޓީއޯއިން ތެޔޮ ރައްކާ ކުރާ ކ. ފުނަދޫގައި އެވެ.

މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައެއް ނުވެ އެވެ. އެކަމަކު ރޯގާ ޖެހި ހާލު ސީރިއަސްވާ މީހުންނާއި ނިއުމޯނިއާ ޖެހޭ މީހުން މިހާރު ދަނީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރަމުންނެވެ.

މިއަދު ކަރަންޓީން ކުރި މީހާ އައި އިޓަލީގައި މިހާތަނަށް3،089 މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވެ އެވެ. އޭގެ ތެރެއިން107 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް