ކުރިޔަށް އޮތް މިއޮތް ސްކޫލް ހަފްތާ ބަންދުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަ ބަޔަކު ދަތުރުތައް ކުރުމަށް ރާވާފައި ހުންނާނެތީ އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ. އަދި ބަލި ފެތުރޭ ގައުމުތަކުގެ މައުލޫމާތު ރަނގަޅަށް އޮޅުން ފިލުވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
ދަތުރު ކުރާ ގައުމެެއްގެ ސަރުކާރުތަކުން ކޮރޯނާ ވައިރަސްއަށް އަޅަމުންދާ ފިޔަވަޅުތައް ރަނގަޅަށް ބަލައި އެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އެޗްޕީއޭއިން އެދިފަވެ އެވެ. އެޗްޕީއޭއިން ބުނީ ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާ ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިވަގުތު ރާއްޖެއިން ބޭރަށް ދިއުން އެއްވެސް ވަރަކަށް އެދެވިގެން ނުވާ ކަމަށެވެ.
ރާއްޖެއިން ބޭރަށް ދާނަމަ ސަމާލުވާން ވީ ކަންކަން:
- ރޯގާ ޖެހި ކެއްސާ މީހުންނާއި ކައިރިވެ ނޫޅުން
- ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިއުން
- ގިނައިން މޫނު އަދި ލޯ ކައިރީގައި އަތް ނޫނގުޅުން
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
- ދަތުރަށް ފަހު ސިއްހީ މައްސަލައެއް އުޅޭނަމަ ލަސްނުކޮށް އެޗްޕީއޭގެ ހޮޓްލައިން ނަމްބަރު1676 އަށް ގުޅުން
އަތޮޅުތެރެއަށް ދަތުރު ކުރާއިރުވެސް ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ފަރުދީ ގޮތުން ސަމާލުކަން ދިނުމަށް އިލްތިމާސް ކުރެ އެވެ. އެގޮތުން ކެއްސާ ކިނބިހި އަޅައިރު އަނގަމަތި ނިވާކޮށް، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް