ވިހެއުމާއި ގުޅިގެން މުވައްޒަފުންނަށް ދޭ ޗުއްޓީ ބޭންކް އޮފް މޯލްޑިވްސް އިން ހަ މަހަށް އިތުކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން އެ ބޭންކުން ވިހެއުމުން ދޭ ޗުއްޓީއަށް ބަދަލު ގެނެސް އާ ގަވައިދަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.
މި ގަވާއިދުގެ ދަށުން ހަ މަހުގެ ޗުއްޓީއެއް ލިބުމުގެ އިތުރަށް މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތައް ބަލައި ދެ މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. މި ދެ މަހުގެ ތެރެއިން މުސާރައާއި އެކު ޗުއްޓީ ލިބޭނީ އެއް މަހު އެވެ.
އާ ގަވައިދުގެ ދަށުން ފިރިހެން މުވައްޒަފުންނަށްވެސް އަނބިމީހާ ވިހެއުމުން މަސް ދުވަހުގެ ޗުއްޓީ ލިބޭނެ އެވެ. އަދި އެ ޗުއްޓީ ދަރިއަކު ލިބިގެން ވާ ހަތް މަސްދުވަގެ ތެރޭގައި ބޭނުން މަހެއްގައި ނެގޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މިހާރު ވިހެއުމާއި ގުޅިގެން ބީއެމްއެލްގައި އަންހެން މުވައްޒަފުންނަށް ލިބެނީ ދެ މަސް ދުވަހުގެ ޗުއްޓީ އެކެވެ. އަދި ފިރިހެން މުވައްޒަފުންނަށް ދެނީ ތިން ދުވަހުގެ ޗުއްޓީއެކެވެ.
ބީއެމްއެލްއިން ބުނީ އަލަށް އަމަލު ކުރަން ފެށި ގަވައިދުގެ ދަށުން މިހާރު ވިހެއުމާއި ގުޅިގެން ޗުއްޓީ ނަގައިގެން ތިބި މުވައްޒަފުންނަށް ޗުއްޓީ އިތުރުވާނެ ކަމަށެވެ.
އަންހެން މުވައްޒަފުންނަށް މުސާރައާއި އެކު ހަ މަހުގެ ޗުއްޓީ ވިހެއުމުން ދޭން ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެގޮތަށް އަމަލު ކުރަން ފެށީ މިދިޔަ އަހަރުގެ މާޗް އަށްވަނަ ދުވަހުން ފެށިގެންނެވެ.
މިހާރު ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ހުރިހާ ކުންފުންޏެއްގައި ހެން ވިހެއުުމުން ދޭ ޗުއްޓީ ވަނީ ހަ މަހަށް ބަދަލު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް