ފުލުހުން ހިންގާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް ޒަމާނީ ވަރުގަދަ އާލާތްތަކެއް ގެނެސްފި އެވެ.
މި އާލާތްތައް ރާއްޖެ ގެނެސް ފުލުހުން ބޭނުން ކުރަން ފަށާފައިވާކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ސީޕީ ހަމީދު ވިދާޅުވީ މިހާރު އުނދަގޫކޮށް މަސައްކަތް ކުރަމުން އަންނަ ފުލުހުންނަށް އާ ތަކެއްޗާއެކު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިފަހަކަށް އައިސް ފުލުހުން މާލޭގައި ހިންގާފައިވާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި އެންމެ ބޮޑަށް ފާހަގަ ވަނީ ބޮޑެތި ދަގަނޑު ދޮރު ލައި ސެކިއުރިޓީ ވަރުގަދަ ކޮށްފައި ހުންނަ ގޭޓުތައް އެފަދަ ގޭގައި ހުންނަ ކަމެވެ. ފުލުހުން ބުރަ މަސައްކަތުން ދޮރު ހަލާކުކޮށްލައިގެން ވަންނަ އިރު މަސްތުވާތަކެތިތައް ފޮރުވާނެ ވަގުތު އެ ވިޔަފާރީގައި އުޅޭ މީހުންނަށް ލިބެ އެވެ.
https://twitter.com/M_Hameedh/status/1235447902241095681
އެ ކަމަށް މިއަދު މި ގެނެވުނު އާލާތްތަކުން ހައްލު ލިބޭނެ އެވެ. މިއަދު ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ބޭނުން ކުރަން ފަށާފައިވާ އާލާތްތަކުގެ ތެރޭގައި ދޮރު ހުޅުވުމަށާއި ދޮރު ވައްޓާލުމަށް ބޭނުންކުރާ ހައިިޑްރޯލިކް އާލާތްތަކާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ހިމެނެ އެވެ.
މިފަހަކުން މާލޭގައި ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަން ތަކަކަށް ފަހު ބުނެފައިވަނީ މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުމަށް ކުއްޔަށް ދިނުމުގެ ވިޔަފާރި ކުރާ ގެތަކުގެ ތެރޭގައި ގ. ޕެލިކަން، ގ. މެމަރީވިލާ، މއ. ބޯކެޔޮގަސްދޮށުގެ އަދި މ. އެވަރެސްޓްއާގެ އަދި މ. ލޮނުމިދިލިގެ ހިމެނޭ ކަމަށެވެ. މި ގެތަކަކީ ހައި ސެކިއުރިޓީގައި ދަގަނޑު ގޭޓު ލައިގެން ބޭރުން އަންނަ މީހުންނަށް ފަސޭހައިން ނުވަދެވޭނެ ގޮތަށް ހަދާފައިވާ ތަންތަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް