އެމްޑީޕީ، ތަރައްގީ މިނަނީ ކޮންކްރީޓަކުން ނޫން: ނަޝީދު

އެމަޑީޕީއިން ތަރައްގީ މިނަނީ ކޮންކްރީޓަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަ...

05 Mar 2020 | 06:46

އެމަޑީޕީއިން ތަރައްގީ މިނަނީ ކޮންކްރީޓަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގދ. ވާދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އެމްޑީޕީ އަކީ އެއްވެސް އިރެއްގައި ކޮންކްރީޓުން ތަރައްގީ މިނާ ޕާޓީއެއް ނޫން ކަމަށެވެ.

ބަޖެޓުގައި ކުދި ތަރައްގީގެ މަޝްރޫއުތައް ކޮންމެ ސަރުކާރަކުންވެސް ކަނޑައަޅާނެ ކަމަށާއި ދައުލަތުގެ އާމްދަނީ ހުރި ވަރަކުން ކޮންމެ އަހަރަކު މަޝްރޫއުތައް އިތުރު ކުރަމުން ދާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގދ. ވާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން [އެމްޑީޕީން] ތަރައްގީ މިނަނީ މި ތަނުގައި އަޅާ ކޮންކްރީޓަކުންނެއް ނޫން. އަލަށް ވިހާ ދަރިފުޅު ކައިރީގައި މަންމަ އާއި ބައްޕައަކަށް މަޑުކޮށްލެވުނީމަ އެއީ ތަރައްގީ، މަންމައަށް ދަރިފުޅު ކައިރީ މަޑުކޮށްލެވޭ ގޮތް ވެފައި ދަރިފުޅު ރަނގަޅު ބަރުދަނެއްގައި ބޮޑު ކުރެވުނީމަ އެއީ އަޅުގަނޑުމެން ދެކޭ ތަރައްގީ އަކީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އެމްޑީޕީގެ ތަފާތަކީ ލާމަރުކަޒީ އުސޫލުން މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރުން ކަމަށާއި ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ ޕްރޮޖެކްޓްތައް ކައުންސިލްތަކަށް ދޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ސަބަބަކީ ވެސް ރަށުގައި ފައިސާ ހިފަހައްޓާނެ ނިޒާމެއް ގާއިމަ ކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ފަސް މިލިއަނަށް ނާރާ ހުރިހާ ޕްރޮޖެކްޓެއް މި ހިންގަނީ ކައުންސިލުން ޓެންޑާ ކޮށްގެން ވާދޫ މީހުން ހޯދައިގެން ވާދޫ މީހުން ލައްވައި އެ ކަން ކުރާ ގޮތަށް. ވާދޫގައި ކްލާސް ރޫމް އަޅާއިރު އޭގެ ބީލަން މި ނެރެން ޖެހެނީ ކައުންސިލުން. އެ [ހަވާލުކުރާ] މީހާއަކީ ވާދޫ މީހަކަށް ވެއްޖެއްޔާ ޕޮއިންޓް އިތުރު ވާނެ. ޓެންޑަރު ގަވާއިދަށް އެ ބަދަލު ގެނެސްފައިވާނެ،" ވާދޫ އިން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުން އިގްތިސާދު ފުޅާ ކުރަން މަސައްކަތް ކުރުން އެއީ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމް އިން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ފެށި ބައެއް ޕްރޮގްރާމްތަކުގައި ވާދޫގެ މީހުން އުޅޭ އަދަދުތަކެއް ރައީސް ނަޝީދު ހާމަ ކުރެއްވި އެވެ. މި ގޮތުން ހިލޭ ޑިގްރީގެ ޕްރޮގްރާމާއި ހެނދުނުގެ ނާސްތާގެ ޕްރޮގްރާމްގެ އިތުރުން ވިހެއުމުން މަންމަ އާއި ބައްޕައަށް ދޭ ޗުއްޓީ އިތުރު ކުރުން ފަދަ ކަންތައްތައް ރައީސް ނަޝީދު ފާހަގަ ކުރައްވާފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން ތަރައްގީ މިނަނީ އެ ގޮތަށް ހިންގާ ޕްރޮގްރާމްތަކުން ރައްޔިތުންނަށް ލިބޭ ލުއިތަކުން ކަމަށެވެ.

ހަމަ މިއާއި އެކު ނަޝީދު ވިދާޅުވީ އަތޮޅުގައި ހިމެނޭ ރަށްރަށުގައި ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން އަތޮޅު ކައުންސިލްގައި ބެހެއްޓޭ ގޮތަށް އެ ކައުންސިލްތަކަށް ބަޖެޓް ދޫކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް