ކޮވިޑް-19: ރާއްޖޭގެ މިވަގުތުގެ ހާލަތަކީ ލެވެލް އެކެއް

މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ބަލާ ސިއްހީ މިންގަނޑުތަކުން ރާއްޖެ އޮތީ ލެވެލް އެކެއްގެ ދަރަޖައިގަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިނ...

05 Mar 2020 | 06:24

މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ބަލާ ސިއްހީ މިންގަނޑުތަކުން ރާއްޖެ އޮތީ ލެވެލް އެކެއްގެ ދަރަޖައިގަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު މި ސަރަހައްދުގެ އެހެން ގައުމުތަކަކަށްވެސް ޒިޔާރަތް ކުރުމަށް ފަހު ދިޔަ ޗިލީގެ ރައްޔިތަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާތީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން އެކަން ބަލަމުންދާ ދަނޑިވަޅެއްގައި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ސިއްހީ ގޮތުން ބައްޔެއް ފެތުރޭނަމަ ބަލާ މިންގަނޑުގައި ވާގޮތުން ކޮރޯނާ ވައިރަސްގައި ރާއްޖޭގެ ހާލަތަކީ ލެވެލް ހުދު ނުވަތަ ލެވެލް އެކެކެވެ. އެއީ ރާއްޖޭގައި ބަލީގެ އެއްވެސް ކޭސްއެއް ނުފެންނާތީ އެވެ.

މި ލެވެލްގައި އޮންނަ އިރު ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ކަމާ ބެހޭ ފަރާތްތައް ތަމްރީނުކޮށް ތައްޔާރީ ހާލަތުގައި ތިބުމަކީ މުހިންމު ކަމެކެވެ. އަދި ބަލި ޖެހިފައިވާ މީހަކު ފެނިއްޖަނަމަ އެންމެ ރަނގަޅު ފަރުވާ ދެވޭނެ ސިއްހީ ނިޒާމު ގާއިމް ކުރުމާއި ބޭހާއި ރައްކާތެރިވުމަށް ބޭނުންވާނެ އާލާތްތައް ރައްކާކޮށްފައި ބެހެއްޓޭނެ ގޮތެއް މި ލެވެލްގައި ހަމަޖައްސަން ޖެހެ އެވެ.

https://twitter.com/HPA_MV/status/1234879955990798336

މި ބަލި ފެތުރޭއިރު ބަލާ ހުދު ލެވެލްގެ އިތުރުން ތިން ލެވެލްއަކަށް ބަލަ އެވެ. އެއީ ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިއްޖެ ނަމަ ރީނދޫ ލެވެލް ނުވަތަ ލެވެލް ދޭކެވެ.

ބަލި ޖެހޭ މީހާގެ ފަރާތުން އެހެން މީހަކަށް ބަލި އަރައިފި ނަމަ އޮރެންޖު ލެވެލް ނުވަތަ ލެވެލް ތިނެކެވެ. އަދި އާންމުކޮށް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުން ރަތް ލެވެލް ނުވަތަ ލެވެލް ހަތަރެކެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ހާލަތްތަކަށް ބަލާއިރު ރާއްޖެ މިހާރު އޮތް ލެވެލް އެކެއްގައި ވެފައި ހުންނަން ޖެހޭ ހުރިހާ ތައްޔާރީއެއް ސަރުކާރުން އޮތީވެފަ އެވެ. އެގޮތުން ބަލި ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލް އެއްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސްގައި މުޅި ދުނިޔެއިން3،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު55 ގައުމެއްގައި މި ބަލި ދަނީ ފެތުރެމުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ ރާއްޖެއަށް ކޮރޮނާ ވައިރަސް އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް