ޖާބިރު އަތުން ބޮޑުމޮހޮރާ ނެގުމަށް ގޮވާލާ އަތޮޅު ރައްޔިތުން ޕެޓިޝަނެއްގައި ސޮއި ކުރަނީ

ވ. އަތޮޅު ބޮޑުމޮހޮރާ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ދިނުމުން އެކަމާ ދެކޮޅަށް އެ އަތޮޅުގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ. ޖާބިރަށް ފުރަތަމަ...

05 Mar 2020 | 01:31

ވ. އަތޮޅު ބޮޑުމޮހޮރާ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ދިނުމުން އެކަމާ ދެކޮޅަށް އެ އަތޮޅުގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

ޖާބިރަށް ފުރަތަމަ ބޮޑުމޮހޮރާ ދިނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ އެކަން ހިފަހައްޓާ ކުއްޔާ ޖޫރިމަނާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ. އަނެއްކާ މި ސަރުކާރު ވެރިކަމަށް އައިސް އޭނާއަށް ބޮޑުމޮހޮރާ ދިނީ މިދިޔަ ހަފްތާގައި އެވެ.

ބޮޑުމޮހޮރާ ޖާބިރަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން ޕެޓިޝަނެއް ހަދަނީ އެ އަތޮޅުގެ ރައްޔިތުން ޕިކްނިކް ގޮސް ހަދާނެ އިތުރު ރަށެއް ދެން އަތޮޅުގައި ނެތުމުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތަކުން ގެންސްޓުން އެކްސްކާޝަން އަށް ގެންދަން އަތޮޅުގައި އޮތް ހަމައެކަނި ރަށަކީވެސް ބޮޑުމޮހޮރާ ކަމަށް ވާތީ އެވެ.

މި ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކެޔޮދޫ ރައްޔިތުންނާއި ކައުންސިލެވެ. މި ޕެޓިޝަންގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށުގެ މީހުން ސޮއި ކުރާނެ އެވެ.

ބޮޑުމޮހަރާ ޖާބިރަށް ދިނުމުން އެ އަތޮޅުގައި ހުރި ހުރިހާ ފަޅުރަށެއް ރިސޯޓު ހަދާށާއި އެހެނިހެން ބޭނުންތަކަށް ކުންފުނިންތަކަށް ނުވަތަ ވިޔަފާރިވެރިންނަށް ދެވުނީ ކަމަށާއި ރައްޔިތުން ހިތްހަމަ ޖައްސާލަން ދާނެ ރަށެއް ނެތް ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. ޕެޓިޝަންގައި ސޮއި ކުރަމުންދާ މީހުން ބުނެފައިވަނީ ބޮޑުމޮހޮރާއަށްވެސް ނޭރޭ ގޮތް ހެދުމުން އެއަތޮޅުގެ ފަސް ރަށުގައި ހިންގަމުންދާ ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ.

މި ޕެޓިޝަންގައި ސޮއި ކުރުމަށްފަހު ހުށަހެޅުމަށް ނިންމާފައިވަނީ ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީސް އަދި ޓޫރިޒަމް މިނިސްޓްރީ އަށެވެ.

ޖާބިރަށް ބޮޑުމޮހޮރާ ދިނުމުން އޭނާ ވަނީ ރަށާ ހަވާލުވުމަށް ޖެޓްސްކީގައި އެ ރަށަށް ވަޑައިގެންފަ އެވެ. އަދި އެ ރަށަކީ "ޖާބިރް ހެޕީ ކްލަބް" ގެ ގޮތުގައި ތަރައްގީކޮށް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް އެ ރަށުގައި ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑުމޮހޮރާއަކީ ވ. އަތޮޅުގައި އޮތް އެންމެ ބޮޑުރަށެވެ. އަދި އެއީ ރާއްޖޭގައި އޮތް އެންމެ ރީތިބ ބޮޑު ފަޅު އޮންނަ ރަށްކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް