އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 50 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.
އޭވިއޭޝަން ކޮމާންޑުން ބުނީ އެތަނުގެ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފެށީ މިއަދު ކަމަށެވެ. އަދި މިއަދު 51 މުވައްޒަފަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިން ދިނުމުގައި ސިއްހީ ދާއިރާ އާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ވެކްސިން ދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ބަލީގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރާ އެއާޕޯޓުތަކުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިމެނެ އެވެ.
https://twitter.com/AVSECOMmv/status/1357682301576957954
އޭވިއޭޝަން ކޮމާންޑުގެ އިތުރުން މޯލްޑިވިއަންގެ ފްރޮންޓް ލައިން މުވައްޒަފުންނާއި ސްކޫލްތަކުގެ ޓީޗަރުންނަށްވެސް ކޯވިޑް ވެކްސިން ދޭން ވަނީ ފަށާފައި އެވެ. އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ވަނީ ފަށާފައި އެވެ.
މީގެ އިތުރުން މާލޭ ސިޓީ އާއި އައްޑޫ ސިޓީގައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައި އެވެ.
ރާއްޖޭގައި ދެމުން ދަނީ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންނަކީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް