ކޯވިޑާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އެޅި ފިޔަވަޅުތަކަށް ބަދަލު ގެނެސްފި

ކޯވިޑް-19 ކޭސްއަކާއި ގުޅިގެން ގިނަ މުވައްޒަފުންތަކެއް ކަރަންޓީން ކުރަން ޖެހުމުން އޭޑީކޭ ހޮސްޕިޓަލުގައި އެޅި ފިޔަވަޅުތަކަށް ބަދަލު ގެނެސްފި އެވެ. ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލައި އޯޕީޑީ ކޮންސަލްޓ...

05 Feb 2021 | 11:19

ކޯވިޑް-19 ކޭސްއަކާއި ގުޅިގެން ގިނަ މުވައްޒަފުންތަކެއް ކަރަންޓީން ކުރަން ޖެހުމުން އޭޑީކޭ ހޮސްޕިޓަލުގައި އެޅި ފިޔަވަޅުތަކަށް ބަދަލު ގެނެސްފި އެވެ.

ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލައި އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ކުރިޔަށް ގެންދާ ގޮތަށް ނިންމައި އިތުރު ހަތަރު ފިޔަވަޅެއް އެ ހޮސްޕިޓަލުން އެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ މާދަމާއިން ފެށިގެން އެ ފިޔަވަޅުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން އެ ހޮސްޕިޓަލުގައި އަލުން ބަލި މީހުން އެޑްމިޓް ކުރަން ފަށާނެ އެވެ. އެކަމަކު ބަލިމީހާ ކައިރީގައި ހުރެވޭނީ އެކަކަށް ކަމަށާއި އެމީހާ އަކީ ހޮސްޕިޓަލުގައި އެހީތެރިޔާގެ ގޮތުގައި ރެޖިސްޓްރީ ކުރެވިފައިވާ ކޯވިޑްގެ އެއްވެސް އަލާމާތެއް ފެންނަން ނެތް މީހާއަށް ވާން ޖެހޭ ކަމަށް ބުުނެ އެވެ.

އޯޕީޑީގެ ހިދުމަތް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ހުޅުވާލަން ނިންމާފައިވެ އެވެ. އަދި ބައެއް އިލެކްޓިވް ސާޖަރީތައް މާދަމާ ފަށާނެ އެވެ.

މީގެ އިތުރުން ކުރިއެކޭވެސް އެއްގޮތަށް ބަލި މީހުންނަށް ޒިޔާރަތް ކުރުން އަދިވެސް މަނާވާނެ ކަމަށް ބުުނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެމަޖެންސީގެ ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށެވެ.

އޭޑީކޭއިން ވަނީ ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިޔުމަށަށް އިލްތިމާސްކޮށްފައި އެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އެދިފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ދަނީ އޮންލައިން ފްލޫ ކްލިނިކް ހިންގަމުން ނެވެ. އަދި ފަހުން ހާލަތު ގޯސްވާން ފެށުމުން އޯޕީޑ ކޮންސަލްޓޭޝަންވެސް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް