މިއަދު ފޭސްބުކްގައި "ޝަލަބީ ލައިވް" ޤްރުއާންގެ ނަމުގައި ކުރިއަށްގެންދާ ފޭސްބުކް ޕޭޖަކީ ބޮޑު ބޮޑު އޮޅުވާލުމެކެވެ. އެއަކީ ލައިވް ވީޑިއޯއެއްވެސް ނޫނެވެ. އަދި ދޭން އެ ބުނާ ފައިސާއަކީ ތިބާގެ ކާޑުގެ މައުލޫމާތު ހޯދުމަށް، ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު އޮޅުވާލުމެކެވެ.
އެއް ޕޭޖަށް ފަހު އަނެއް ޕޭޖް ހަދަމުން، ވީޑިއޯ ލައިވްކުރަމުން ގެންގޮސް އޭގައި ބުނަނީ "ސަލާމް" މިހެން ލިޔެލާ ކޮމެންޓްކުރާ ފުރަތަމަ 500 ފަރާތަކަށް 5000 ޑޮލަރު ލިބޭނެ ކަމަށެވެ. އަދި "ސަލާމް ލިޔެލާ" ކޮމެންޓް ކުރުމުން އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖްގައި، އެ ފައިސާ ހޯދާނެ ގޮތް ބުނެދީފައިވާނެ ކަމަށެވެ.
ދުވަހުން ވާނީ އެ ޕްރޮސެސް ކުރިއަށްގެންގޮސްފައެވެ. އެ ޕްރޮސެސް ކުރިއަށްގޮސް ނިމެނީ ކާޑުގެ މައުލޫމާތު ހޯދާ ހިސާބުންނެވެ.
އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖުގައި ބުނަނީ 15 ގްރޫޕަކަށް އެ ވީޑިއޯ ޝެއަރ ކުރުމަށްފަހު "OK" މިހެން ލިޔެލުމަށެވެ. "OK" ލިޔެލުމުން ދެން އަންނަނީ ރަޖިސްޓްރީ ވާނެ ލިންކެކެވެ. އެ ލިންކުގައި ބުނަނީ މިއީ "ބެތު މޫރޭ ސްޕެޝަލް ކްރިސްމަސް" ގިވްއަވޭ ކަމަށެވެ. އެއަށްފަހު އެ އިނާމު ލިބުނުކަމަށް ބުނާ މީހުންގެ ފޭކު ކޮމެންޓްތައް ހިމަނާފައިވެއެވެ.
ދެން އެއަށްފަހު މެއިލް އާއި ޕާސްވޯޑެއް ޖަހަން އަރައެވެ. އޭގައިވެސް އަސްލު މެއިލަކާއި ޕާސްވޯޑެއް ޖަހައިފިނަމަ އެ މައުލޫމާތު އެކަމުގެ އަޑީގައި ތިބޭ ބަޔަކަށް ލިބޭނެއެވެ.
ދެން އެންމެ ފަހުން އަރަނީ ކާޑުގެ މައުލޫމާތު ހިއްސާ ކުރުމަށެވެ.
ތިބާގެ ކޭޝްކާޑުގެ މައުލޫމާތު ހިއްސާކޮށްފިނަމަ އެ މައުލޫމާތު ބޭނުންކޮށްގެން ތިބާގެ އެކައުންޓުން ފައިސާ ނެގުމުގެ ފުރުސަތު ހެކަރުންނަށް ލިބިގެންދާނެއެވެ. ދިވެހިން އިތުރަށް މިކަމަށް ސަމާލުވެ، މި މައުލޫމާތު ވީހާވެސް ގިނަ ބަޔަކާ ހިއްސާ ކޮށްލަމާ ހިނގާށެވެ.
މިފަހަރު ޝަލަބީގެ ނަމުގައި މިފަދަ ޕޭޖެއް ހަދައިގެން މި އޮޅުވާލުން ކުރިއަށްގެންދާއިރު، މީގެ ކުރިން ދުނިޔޭގެ މަޝްހޫރު ތަރިންގެ ނަމުގައި މިފަދަ ޕޭޖްތައް ކުރިއަށްގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް