މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިޔަށްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021 ގައި އިއްޔެ ހަވީރާއި ރޭވެސް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ ތުނޑީ ރިވޮލިޔުޝަން(ޓްރައި) އާއި ގޯޅި ސްޕޯޓްސް ކުލަބެވެ. މި މެޗު ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 6-7 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ގޯޅި ސްޕޯޓްސް ކުލަބުންނެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗަކީ މި މުބާރާތުގައި ގޯޅި ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗެވެ. ދެމެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ގޯޅި އަތުން ބަލިވި ތުނޑީ ރިވޮލިޔުޝަން(ޓްރައި) ވެސް ވަނީ މުބާރާތުގައި މިހާތަނަށް ދެމެޗު ކުޅެފައެވެ. އެޓީމު ފުރަތަމަ ކުޅުނު މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުން ވަނީ ބަލިވެފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގޯޅި ޓީމުގެ ޖާޒީ ނަމްބަރ 2 މަރިޔަމް އަޒީފާއެވެ.
އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ހޭޅި އާއި ކާމް އެމްބީޑީ ބައްދަލުކޮށްފައިވާއިރު، 4-7 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައިވަނީ ކާމް އެމްބީޑީންނެވެ. މިއީ މި ދެޓީމުވެސް މިހާތަނަށް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކާމް އެމްބީޑީގެ ޖާޒީ ނަމްބަރ 10 ފާތިމަތު އަލްޔާއެވެ.
މުބާރާތުގައި އިތުރު ތިން މެޗެއް ރޭވެސް ވަނީ ކުޅެފައެވެ. އެގޮތުން ރޭ 8:10 ގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ލާމު ޔޫތް މޫވްމަންޓް އާއި އެލްވައިޑީ ހޭންޑްބޯޅަ އެކަޑަމީއެވެ. މި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ލާމު ޔޫތް މޫވްމަންޓް އެވެ. އެޓީމު މި މެޗު ކާމިޔާބު ކުރީ 3-12 އިންނެވެ. މި މެޗުން އެލްވައިއެމް މޮޅުވިއިރު، މިއީ އެޓީމު މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މި ދެމެޗުވެސް އެޓީމުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އަދި އެލްވައިއެމް އަތުން ބަލިވި އެލްވައިޑީ މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ ދެމެޗުން މޮޅުވެފައެވެ. އަދި އެއްމެޗުން ބަލިވެފައެވެ. އެއީ އެލްވައިއެމް އަތުން ރޭކުޅުނު މެޗުން ވި ބައްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލްވައިއެމްގެ ޖާޒީ ނަމްބަރު 12 ފާތުމަތު ޝަރުމީލާއެވެ.
ރޭގެ ދެވަނަ މެޗުގައި ރެހެންދި އާއި ޓީމް ރަނި ބައްދަލުކުރި އިރު، މި މެޗު 4-7 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ރެހެންދި ޓީމުންނެވެ. މި މެޗުން ރަނި ބަލިވެފައިވާއިރު، އެޓީމު މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވީއެވެ. ރެހެންދި ޓީމުން މުބާރާތުގައި މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. މި ތިން މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައިވަނީ ރޭ ކުޅުނު މެޗުން އެކަންޏެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެހެންދި ޓީމުގެ ޖާޒީ ނަމްބަރ 10 ސުމައްޔާ އެވެ.
ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ޓީމް ނިރްވާނާ އާއި ގަން ރީޖަނަލް ހޮސްޕިޓަލް އެވެ. މި މެޗު 3-8 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޓީމް ނިރުވާނާއެވެ. ރޭ ޓީމު ނިރުވާނާއަތުން ވި ބައްޔާއި އެކު ގަން ރީޖަނަލް ހޮސްޕިޓަލް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. ޓީމް ނިރުވާނާ މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ނިރުވާނާގެ ޖާޒީ ނަމަބްރ 7 ރަމްލާ އަބޫބަކުރެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިމުމައްވެސް ވަނީ ހަމަޖައްސާފައެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް