ގަޑިއަށް ތަނަކަށް ދިޔުމަކީ ދިވެހިންނަށް ވަރަށް ބޮޑު ކަމެކެވެ. ވަޒީފާތަކަށްދާ މީހުންގެ ތެރެއިންވެސް ސޮއިކުރަން އޮންނަ ގަޑިއަކަށް އެތަނަށް ދެވެނީ މަދު ބަޔަކަށެވެ. ގިނަ ފަހަރަށް ގެއިން ނިކުމެވޭނީ އެ ދާން އޮންނަ ގަޑިއަކަށެވެ.
އަނެއްބައި މީހުންނަށް ގަޑިޖެހިގެން ދިޔުން ވަނީ ކަށީގައި ހަރުލާފައި ހުންނަ ކަމަކަށެވެ. ގަޑިއަށަ ދާން އުޅުނަސް ނުދެވެނީއެވެ.
ވަޤުތަށް ކަމޭހިތުމަކީ މީހާގެ ޙަޔާތް އިންތިޒާމީ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި އެންމެ މުހިއްމު އެއްކަމެވެ. އަދި ގިނަ ކަންކަން ކުރަންޖެހޭ މީހުން އެކަންކަން ކުރުމުގައި ވަޤުތަށް ކަމޭ ނުހިތޭނަމަ ވަރަށް ގިނަ ކަންކަން ބޮއްސުންލައި ކަންކަން ނުވެ، ދިގުލައިގެން ހިނގައިދާނެއެވެ.
ވަޤުތައް ކަމޭ ނުހިތުމުގެ ސަބަބުން މީހާގެ އަގުވެއްޓޭތަން އާދެއެވެ. މީހުންގެ އިތުބާރުގެއްލި ވަޒީފާތަކުން ކަނޑާލައެވެ. އަދި މި ހުރިހާ ކަމެއްގެ ސަބަބުން މީހާ ބިކަވެއެވެ.
ކީރިތި ޤުރުޢާނުގައި މާތް الله ވަނީ ވަޤުތު ގަންދީ ހުވާ ކުރައްވާފައެވެ. ޤުރުޢާނުގައި ވަޤުތުގެ ވާހަކަ އައިސްފައި އޮތުމުން ވަޤުތަށް ކަމޭހިތުމަކީ ކިހާ މުހިންމު ކަމެއްކަން އަހަރެމެންނަށް އެނގިގެންދެއެވެ.
ވަޤުތަށް ކަމޭހިތުމަކީ ވަޤުތު ހެޔޮގޮތުގައި ބޭނުންކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ކަމެވެ.
االله ސުބްޙާނަހޫ ވަތަޢާލާ ދީނުގެ އަޅުކަންތައް ފަރުޟުކުރައްވާފައިވާއިރުވެސް އެ އަޅުކަންތަކުގެތެރެއިން އެންމެ މުހިއްމު އަޅުކަންތައް ފަރުޟުކުރައްވާފައިވަނީ ކަނޑައެޅިގެންވާ ވަޤުތުތަކެއްގައެވެ. ނަމާދުކުރުމާއި، ރޯދަހިފުމާއި، ޙައްޖުވުމަށްވެސް ވަކި ވަޤުތެއް ކަނޑައަޅުއްވާފައިވެއެވެ.
ދިވެހިންނަކީ އާންމުކޮށް ތަންތަނަށް ގަޑީޖެހިގެންދެވޭ ބަޔަކަށްވުމާއެކު ގަޑި ނުޖެހި ދިޔުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.
ގަޑިއަށް ތަނަކަށް ދާންވެފަވާނަމަ އޭގޭ 1ގަޑީރު ކުރިއަށް އެލާމްކޮށް ރިމައިންޑަރ އަށް ލެވިދާނެއެވެ. ޒަމާނަކި އެންމެންވެސް ފޯނު ގެންގުޅޭ ޒަމާންކަމުން މިއީ ވަރަށް ފަސޭހަ ކަމެކެވެ. ޓެކްނޮލޮޖީ މި ވަނީ އަހަރެމެންގެ ސިކުނޑިއަށްވެސް ލުއި ހޯދައިދީފައެވެ.
އަނެއް ކަމަކަމަށް ދުރާލައި ހެދުންފަދަ ތަކެތި އިސްތިރިކޮށްފައި ބެހެއްޓިދާނެއެވެ. ތަފާތު މަސައްކަތްތަކުގައި އުޅޭ ތަފާތު ދާއިރާތަކުގެ މީހުން ކަމުން އެބަޔަކަށް ހުސް ދުވަހެއްގައި އަންނައުނު ދޮންނާނެކަން ޔަޤީނެވެ. ހަމަ އެފަދައިން އަންނައުނު އިސްތިރިކުރަންވެސް ދުވަހެއް ކަނޑައަޅާށެވެ. މިގޮތަށް ކަންތައް ކުރުމުން ކުއްލިއަކަށް ދާންޖެހޭ ތަނަކަށްވެސް ވަޤުތައް ދިޔުމަށް ފަސޭވަގެންދާނެއެވެ.
ނަމާދު ވަޤުތުން ވަޤުތައް އަދާކުރާށެވެ. އަހަރެމެން ހެއްދެވި ރަސްކަލާނގެ އަހަރެމެންގެ މައްޗަށް ފަރުޟު ކުރައްވާ އަދި ޤިޔާމަތްދުވަހުން އެންމެ ފުރަތަމައިން ހިސާބު ބެއްލެވޭނެކަމަށް އަންގަވާފައިވާ ކަންތައް ނުކުރެވޭނަމަ އެހެން ކަންތައްތައް ވަގުތަށް ކުރެވިދާނެތޯ އަމިއްލައަށް ސުވާލުކޮށްލުން މުހިންމެވެ. ހެއްދެވި ފަރާތަށް ވަޤުތެއް ހުސްކޮށްލަން ނުލިބޭ މީހާ އެހެން ކަންތައްތައް ވަޤުތައް ނުކުރެވޭނެކަން ޔަޤީނެވެ. ކަން މިހެން އޮތް އިރު, ނަމާދު ވަޤުތުން ވަޤުތައް އަދާކުރަން އާދަކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް