އަދާލަތުގެ ރައީސްކަން ފިރިހެނުންނަށް އެކަނި ކުރެވޭ މާއްދާ އުވާލަން އިމްރާން ހުށަހަޅުއްވައިފި

އަދާލަތު ޕާޓީގެ ރައީސްކަން ކުރެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނާ މާއްދާ އުވާލަން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ހުށަހަޅުއްވަ...

05 Jan 2021 | 10:02

އަދާލަތު ޕާޓީގެ ރައީސްކަން ކުރެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނާ މާއްދާ އުވާލަން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސަކަމަށް އަންހެނުންނަށް ވާދަ ނުކުރެވޭ މައްސަލަ ހޫނު ވެގެން އުޅެނީ މި މަހުގެ 23 ވަނަ ދުވަހު ރައީސާއި ނައިބު ރައީސް އޮވުމަށް އެ ޕާޓީގެ ރިޔާސީ އިންތިހާބު އިއުލާނުކޮށްފައި ވަނިކޮށެވެ. ކުރިން އޮތް ގޮތުން އެ ދެ މަގާމަށްވެސް އަންހެނުންނަށް ވާދަ ނުކުރެވުނު ނަމަވެސް މިދިޔަ ހަފްތާގައި ނައިބު ރައީސަކަށް އަންހެނުނަށް ވާދަ ކުރެވޭ ގޮތަށް އަސާސީ ގަވައިދަށް ވަނީ އިސްލާހު ގެނެސްފައި އެވެ.

ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ރައީސްކަން އަންހެނުންނަށް ނުކުރެވޭނެ ކަމަށް އަސާސީ ގަވައިދު ގައި ކަނޑައެޅީ ޕާޓީ އުފެދުނު އިރު ޕާޓީގެ މެމްބަރުން ބޭނުންވީ އެގޮތް ކަމަށް އޭރުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގެންނަވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް އިސްލާމް ދީނުގައި ލާޒިމް ނުކުރާ ކަމަށެވެ.

އިމްރާން ވިދާޅުވީ މިވަގުތު ޕާޓީ ކުރިޔަށް ގޮސްފައިވާ ހިސާބަށް ބަލާއިރު ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހި ކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދީނީ އިލްމުވެރިންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އަސާސީ ގަވައިދަށް އިސްލާހު ހުށަހެޅުއްވީ އެ ޕާޓީގެ ހަތް މެމްބަރުންގެ ސޮޔާއި އެކު ކަމަށް ވިދާޅުވި އެވެ.

https://twitter.com/ShimranAb/status/1346391333347311617

އަދާލަތު ޕާޓީގެ ފުރަތަަމަ ރައީސަކީ ޝެއިހް ހުސައިން ރަޝީދު އަހުމަދެވެ.

ޕާޓީގެ ރައީސާއި ނައިބު ރައީސް ތިން ވަނަ ދައުރަކަށް ހޮވަން ތައްޔާރުވަމުން ދާއިރު އަދާލަތުގެ އަސާސީ ގަވައިދުގައި ހުރި އެހެން ބައެއް ކަންކަމަށްވެސް މިދިޔަ ހަފްތާގައި އިސްލާހު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ޕާޓީގެ ބައެއް އިސް މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މެދުނުކެނޑި އެ ޕާޓީއަށް ދެ އަހަރު ހިދުމަތްކުރުން ހިމެނެ އެވެ.

އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ ބޭފުޅުން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 19 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް