ބާސެލޯނާއަށް ކުޅެމުން އަންނަ ފިލިޕް ކުޓީނިއޯގެ ކަކުލަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ބާސާ އިން ބުނީ ބްރެޒިލުގެ ތަރި ކުޓީނިއޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
" އޮޕަރޭޝަން ކާމިޔާބު. އެ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް ތިން މަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ." ބާސާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ކުޓީނިއޯއަށް އަނިޔާވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި އެއިބާއާ 1-1 ން ބާސާ އެއްވަރުވި މެޗުގައެވެ.
މި ސީޒަނުގައި މިހާތަނަށް ބާސާއަށް އޭނާ ކުޅެދީފައިވަނީ 14 މެޗެވެ.
މީގެ ކުރިން އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ކުޓީނިއޯއަށް ވަނީ އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލިފައެވެ. އެ ފަހަރު އަނިޔާވީ ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށެވެ.
ކުޓީނިއޯއަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ އިރު، ބާސެލޯނާގެ ސްޓާފުންގެ ތެރެއިން ކޮވިޑިގެ 2 ކޭސްއެއް ފެނި މިހާރުވަނީ ފަރިތަކުރުންތައް ވެސް މެދުކަނޑާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް