ކޮވިޑް-19 ގެ ދެ ކޭސް ފެނުމާގުޅިގެން ބާސެލޯނާގެ ފަރިތަކުރުންތައް މެދުކަނޑާލައިފި އެވެ.
އެޓީމުން ފަރިތަކުރުންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ އިރު، މާދަމާ ބާސާއިން އެތުލެޓިކޯ ބިލްބާއޯއާއެކު ދެކޮޅަށް ކުޅެން އޮތް މެޗަށް މިއަދުވެސް ތަމްރީނުތައް ކުރަން ކުރިން ވަނީ ތާވަލުކޮށްފަ އެވެ.
ނަމަވެސް ތަމްރީނުތައް ހުއްޓާލައި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިހާރުވަނީ ކޮވިޑް ޓެސްޓެއް ހަދާފަ އެވެ. އަދި އައުޓްބްރޭކެއް ކްލަބު ތެރޭގައި އުޅޭ ކަމަށް ބެލެވި، އެކަމަށް ސަމާލުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ.
ބާސާއިން ބުނީ އިއްޔެ ހެދި ޕީސީއާރް ޓެސްޓްތަކުން ކްލަބުގެ ދެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކަމުގެ ހުރިހާ ތަފްސީލެއް ކަމާ ބެހޭ ސިއްހީ އިދާރާތަކާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ސްކޮޑު އެއްކޮށް ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށާއި އެއީ ލަލީގާގެ ޕްރޮޓަކޯލް ކަމަށެވެ.
މީގެ އިތުރުން ތަމްރީނުތައް ފަސްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި ތަމްރީނުތައް އަލުން ފަށައި، ކުރިއަށް ދާން ނިންމާނީ ނަތީޖާތަކަށް ފަހު ކަމަށް ވެސް ބާސާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް