ޑރ ޓެޑްރޯޒް އިންޑިއާގެ ބޮޑުވަޒީރަށް ވަރުގަދަ މެސެޖެއް ދެއްވައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ. މިއީ ކޮވިޑް-19 އިން ދިފާއުވުމަށް...

05 Jan 2021 | 09:33

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

މިއީ ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީކޮށް، ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިން މަޝްރޫއާ ގުޅިގެން ދެއްވި މެސެޖެކެވެ.

ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް އިންޑިއާއިން ދަނީ ހަލުވިމަމާއެކު އިތުބާރު ބޮޑު ފިޔަވަޅުތަކެއް އަޅާ، އަމަލުން އެކަން ދައްކަމުން ކަމަށެވެ.

ދުނިޔޭގައި މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ގައުމުގެ ހައިސިއްޔަތުން، އިންޑިއާއަށް މިކަން ކިތަންމެ ރަނގަޅަކަށްވެސް ކުރެވިދާނެ ކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފަ އެވެ.

ޑރ ޓެޑްރޯޒް ވަނީ އެންމެން އެކުގައި މަސައްކަތް ކޮށްފި ނަމަ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި މީހުންގެ ތެރެއިން ވެކްސިނަށް އެންމެ ބޭނުން ވެފައިވާ ނާޒުކު ގުރޫޕަށްވެސް ވެކްސިން ފޯރުކޮށް ދެވިދާނެ ކަން އިންޑިއާއަށް ހަނދާން ކޮށްދެއްވާފަ އެވެ.

https://twitter.com/DrTedros/status/1346203046959865860

ޑރ. ޓެޑްރޯސް މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް-19އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވަރސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި ތަރައްގީ ކުރަމުން އަންނަ ކޮވިޑް ވެކްސިން، އިންޑިއާއިން ބޭރު ނުކުރެވޭނެ ގޮތަށް އެގައުމުގެ ސަރުކާރުން ހަމަޖެއްސި ޚަބަރު ފެންމަތިވެފައި ވާ ދަނޑިވަޅެއްގަ އެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އަދާރު ޕޫނަވައްލާ ވިދާޅުވެފައި ވަނީ، ސިނާއީ ފެންވަރުގައި އެ ކުންފުނިން އުފައްދަމުން އަންނަ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން، އިންޑިއާއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތެއް ނެތް ކަމަށާއި މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް މިކަން އޮތީ މިހެން ކަމުގައިވުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް