ޖިންސީ ގޯނާގެ މައްސަލައެއްގައި މުހިިންމު ލިޔުމެއް ނެތުމުން ކަމަށް ބުނެ ބޭރުކޮށްލާފައި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ މައްސަލައިގެ ލިޔުމެއް މަދުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓާއި ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.
ކްރިމިނަލް ކޯޓުގައި ދައުލަތުން ކުރި މި ދައުވާއަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް އުފުލި ދައުވާ އެކެވެ. މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެ މީހާއަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއް ކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައި ނެތުމުން ކަމަށް ބުނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމީ ހައި ކޯޓުގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. ޝަމީމް ވިދާޅުވީ ހުށަހެޅި ލިޔުމާއި މެދު ދެ ބަސްވުމެއް އަދި ސުވާލެއް އެބައޮތް ކަމަށެވެ.
ޕީޖީ ވިދާޅުވީ ނިޒާމުގެ ތެރެއިން މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށާއި ސާބިތު ކަމާއި އެކު އިންސާފު ގާއިމް ކުރުމުގައި ކުރިޔަށް ދާނެ ކަމަށެވެ.
މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭރުކޮށްލީ މިދިޔަ ހަފްތާގައި އެވެ. ހައިކޯޓުން މި މައްސަލައިގަ ކުރިހުކުމުގައި ބުނެފައިވަނީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހުންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ އިދާރާއެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައި ވާކަމަށެވެ. އަދި އެ ނިންމުން ވެސް ދައުލަތުން އޭރު އިސްތިއުނާފް ކުރިނަމަވެސް އެ ނިންމުން ބާތިލް ނުކުރާހާ ހިނދަކު އެއަށް ދައުލަތުން އަމަލު ކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ފުރިފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ކަމަށް ގާނޫނު ބަލަ އެވެ. އެކަމަކު ކޯޓުތަކަށް އެފަދަ މައްސަލަތައް ހުށަހަޅާއިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެ މީހަކީ ބުއްދި ތަސައްރަފު ނުފުދޭ މީހެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް