ސައުދީ އާއި ގަތަރުގެ ސިޔާސީ ކޯޅުން ނިމުމަކަށް! ބޯޑަރުތައް އަލުން ހުޅުވާލަނީ

ސައުދީ އަރަބިއްޔާ އާއި ގަތަރާއި ދެމެދު އުފެދިފައިވާ ސިޔާސީ ކޯޅުންތައް އެއްފަރާތްކޮށް ބޯޑަރުތައް ހުޅުވާލަން ފަށައިފި އެވެ. ސައުދީ އާއި ގަތަރާއި ދެމެދު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަ...

05 Jan 2021 | 08:16

ސައުދީ އަރަބިއްޔާ އާއި ގަތަރާއި ދެމެދު އުފެދިފައިވާ ސިޔާސީ ކޯޅުންތައް އެއްފަރާތްކޮށް ބޯޑަރުތައް ހުޅުވާލަން ފަށައިފި އެވެ.

ސައުދީ އާއި ގަތަރާއި ދެމެދު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރަމުން ދަނީ ކުވައިތުންނެވެ. ކުވައިތުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީރު އަލް ސަބާހު ވިދާޅުވީ އެ މަސައްކަތުގެ ދަށުން ކުރެވުނު މަޝްވަރާތަކަށް ފަހު އެއްގަމު މަގުން ބޯޑަރުތައް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަޔާއި ކަނޑުގެ ބޯޑަރުތައްވެސް ހުޅުވާލާނެކަމަށް ވިދާޅުވެފައިވެ އެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެ ސައުދީން ގަތަރަށް ދެވޭ ހުރިހާ ބޯޑަރުތަކެއް ސައުދީން ބަންދު ކުރުމުން ގަތަރަށް އެ ދުވަސްވަރު ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލާން ޖެހުމުން އެގައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ ތުރުކީންނެވެ.

އިރާނުގެ ސަރުކާރާއި ހަވާލާދީ މީގެ ކުރިން މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ސައުދީގެ ކަނޑުގެ ސަރަހައްދު ގަތަރަށް ބަންދުކޮށްފައި އޮތުމުން އެގައުމުން ސައުދީ ހުރަސް ކުރުމަށް ބޭނުން ކުރަމުން ދަނީ އިރާނުގެ ކަނޑުގެ ސަރަަހައްދެވެ. އިރާނުގެ ކަނޑުގެ ސަރަހައްދު ބޭނުން ކުރުމަށް ގަތަރުން އަހަރަކު އިތުރު 100 މިލިއަން ޑޮލަރު ހޭދަ ކުރަން ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ސައުދީން ގަތަރާއި އެކު އޮތް ގުޅުންތައް ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. އަދި ސައުދީން 13 ކަމަކަށް ޑިމާންޑު ކުރި އިރު އޭގެ ތެރޭގައި އަލްޖަޒިރާ ޗެނަލް އުވާލުން ހިމެނެ އެވެ.

އެކަމަކު ސައުދީގެ އެއްވެސް ޑިމާންޑަކަށް ގަތަރުން މިހާތަނަށް ތަބާވެފައެއް ނުވެ އެވެ.

ސައުދީން ގަތަރާއި އެކު ސިޔާސީ ގުޅުން ކަނޑާލުމުން އެ ގަައުމާއި އެކު ސިޔާސީ ގުޅުން ކަނޑާލި މުސްލިމް ގައުމުތަކުގެ ތެރޭގައި ރާއްޖެ، މިސްރު، ބަހްރެއިން ޔޫއޭއީ ހިމެނެ އެވެ. ރާއްޖެ ފިޔަވައި ގުޅުން ކަނޑާލި އެހެން ގައުމުތަކުން ވަނީ ގަތަރަށް ވިޔަފާރީގެ ގޮތުންވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް