އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން މޯލްޑިވިއަންއިން ކުރިޔަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ޑިމާންޑު ވަރަށް ބޮޑު ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނަކީ އޮންލައިންކޮށް ޓިކެޓު ނަގާ ފަރާތްތަކަށް ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅުތެރެއަށް މޯލްޑިވިއަންއިން ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން 87 ޕަސެންޓު މީހުން ޓިކެޓު ނަގަނީ މޯލްޑިވިއަންގެ އެޕް ނުވަތަ ވެބްސައިޓު މެދުވެރިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ހީކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް މި ޕްރޮމޯޝަނަށް ލިބެމުން ދާ ކަމަށާއި ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރުމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ވަސީމް ވިދާޅުވީ މޯލްޑިވިއަންއިން ދަތުރު ކުރާ ޑޮމެސްޓިކް ހުރިހާ އެއާޕޯޓުތަކަށްވެސް މި ދުވަސް ވަރު ވަރަށް ބާރު ބޮޑު ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން މޯލްޑިވިއަންއިން އަތޮޅު ތެރޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ކުރާ ދަތުރުގެ ޓިކެޓް ގަންނަ ފަރާތްތަކަށް 10 ޕަސެންޓް ޑިސްކައުންޓު ލިބޭނެ އެވެ. މި ޑިސްކައުންޓު ލިބޭނީ ދަތުރު ކުރަން ހަމަޖެހިފައިވާ ތާރީހުގެ ހަތް ދުވަސް ކުރިން އޮންލައިންކޮށް ޓިކެޓު ގަންނަ ފަރާތްތަކަށެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ 15 އެއާޕޯޓަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ. އެންމެ ފަހުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށީ ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އެ އެއާލައިނުން ކުރާ ހުރިހާ ޝެޑިއުލް ދަތުރުތަކެއް ހުއްޓާލި ނަމަވެސް ޑޮމެސްޓިކް ހުރިހާ އެއާޕޯޓަކަށް މޯލްޑިވިއަންއިން ކުރާ ޝެޑިއުލް ދަތުރުތައް އަލުން ވަނީ ފަށާފައި އެވެ. އިންޓަނޭޝަނަލް ދަތުރުތަކުގެ ތެރެއިން ފަށާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ޝެޑިއުލް ދަތުރުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް