ރާއްޖޭއިން ހުށަހެޅި މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭނަށް ތަޢުރީފު

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) އަށް އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާ ގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީސ...

05 Jan 2021 | 07:20

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) އަށް އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާ ގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީސިއާ އެސްޕިނޯސާ ތަޢުރީފު ކުރައްވައިފިއެވެ.

މިކަން އެކަމަނާ ފާހަގަ ކުރައްވާފައިވަނީ، ރާއްޖޭގެ އެން.ޑީ.ސީ ހުށަހެޅުމާއި ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

މިގޮތުން، ކޮވިޑް 19 ގެ ގޮންޖެހުންތަކާއެކުވެސް ކަނޑައެޅިފައިވާ މުއްދަތަށް ރާއްޖޭގެ އެން.ޑީ.ސީ. އަދާހަމަކޮށް (އަޕްޑޭޓްކޮށް) ހުށަހެޅުމަކީ ފަހާގަކޮށްލެވޭ ކަމެއްކަމަށް އެކަމަނާ ހާމަ ކުރައްވާފައިވެއެވެ.

އަދި ވަކިން ޚާއްސަކޮށް ރާއްޖެއިން، ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރިޔަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވުމާއި އަދި ވަސީލަތްތައް ތަނަވަސް ވެއްޖެނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް " ނެޓް ޒީރޯ " ޙާސިލްކުރުމުގެ ޢަޒުމުގައި ތިބުމަކީ ވަކިން ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަންތައްތަކެއް ކަމަށް އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ހުށަހެޅުމާއި، މީގެ ތެރޭގައި ކާރިސީ ހިރާސް އިތުރުކުރުމާއި، މިދާއިރާއިންވެސް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވުމަކީ، ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަމަށް އެންމެ ބޮޑަށް ހުރަހެޅިފައިވާ ޤައުމަކުން ހުށަހަޅާ ވަރަށް މުހިންމު ކަމެއްކަމަށްވެސް އެކަމަނާ ފާހަގަ ކުރައްވައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެއިން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ މުނާސަބަތުތަކުގައި ފާހަގަ ކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް 2030 ގެ ނިޔަލަށް " ނެޓް ޒީރޯ " އެމިޝަން ޙާސިލުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މިނިސްޓްރީގެ ފަރާތުން ކަމާގުޅުންހުރި ދާއިރާތަކާއި ގުޅިގެން މިދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް