ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ވަރޗުއަލް އިވެންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބް...

04 Dec 2020 | 09:47

ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ވަރޗުއަލް އިވެންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ބެލީޒް އިން ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުމަކީ އެއޯސިސް އިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ، ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ފަދަ ޚާއްސަ ޙާލަތްތައް ދިމާވެފައިވާ ޤައުމުތަކަށް ކޮވިޑްގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާކަން ފެންނަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މާލީ، ފަންނީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ތަރައްޤީގެ ބައިވެރިންނަށް މިނިސްޓަރ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑްގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް އަޔަދީގެން ނުވާނެކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ކަންތަކަށް ހެދުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލުކުރުމަށް އެއޯސިސްގެ ޤައުމުތަކުން މަސައްކަތް ކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ޤައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އީޖާދީ ގޮތްތަކެއް ހޯދުމަށް ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވާލަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެއޯސިސް އުފެދުނީ ކަނޑުގެ ލޮނުގަނޑު އުފުލާ ގުޅޭ ގޮތުން ބޭއްވި ކުދި ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް ދިވެހިރާއްޖޭގައި ބޭއްވުމަށްފަހު، 1990 ވަނަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި ދެވަނަ ވޯލްޑް ކްލައިމެޓް ކޮންފަރެންސްގައެވެ.

އެއޯސިސް އިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

އެއޯސިސް އުފެދުނީއްސުރެ ދިވެހިރާއްޖެއަކީ އެޖަމްއިއްޔާގެ މެމްބަރު ޤައުމެކެވެ. އަދި 2015 އިން 2018 އަށް އެއޯސިސްގެ ރިޔާސަތު ބެލެހެއްޓީ ދިވެހިރާއްޖެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް