ޣައްޒާއާއި އިސްރާއީލާއި ދެމެދު ފުރާނަ ނެތް ހަށިތައް ބަދަލުކުރުމުގައި ހަރަކާތްތެރިވަމުން އަންނަނީ ރެޑްކްރޮސް އިން - އޭޕީ ފޮޓޯ: ޖެހާދް އަލްޝްރާފީ
ޣައްޒާ މަސްރަޙަށް ބަލައިލާއިރު ފެންނަނީ ހާލަތު
މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަ މަންޒަރެވެ. އެއް ކަމަކީ މީސަލްސް، ޕޯލިއޯ،
މެނިންޖައިޓިސް ފަދަ ވެކްސިން ދިނުން މެދުކެނޑިފައި އޮތް އޮތުން އަންނަ ހަފުތާގައި
ފެށޭނެކަން ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން އިޢުލާނުކުރި ކުރުމެވެ. ގާތްގަނޑަކަށް
40 ހާހެއްހާ ކުދިންނަށް އަސާސީ އެ ވެކްސިން ދިނުން މެދުކެނޑިފައިވާކަން އެ
ވުޒާރާއިން ފާހަގަކުރެއެވެ.
އިނގިރޭސިވިލާތުން އިތުރު ނުވަ މިލިޔަން ޑޮލަރުގެ އެހީ
އިނގިރޭސިވިލާތުގެ ޚާރިޖީ ސެކްރެޓަރީ ވެޓް ކޫޕަރ
އަންނަ ހޯމައިގާ އުރުދުންއަށް ދާނެކަން އެ ގައުމުން ހާމަކޮށްފައިވެއެވެ. ކޫޕަރ ގެ
މި ދަތުރަކީ ޣައްޒާއަށް އެހީގެ ގޮތުގައި އިނގިރޭސިވިލާތުން ފޮނުވާފައިވާ އިންސާނީ
އެހީ އުރުދުންގައި ތާށިވެފައި ހުރި ހުރުމާއިމެދު މަޝްވަރާ ކުރުން ކަމަށާއި
މަސްރަޙު ފިނި ސުލްޙަ މަސަލަސްކަން ގާއިމުކުރެވެމުން އަންނަ މި ދަނޑިވަޅުގައި އިންސާނީ
އެހީ ޣައްޒާއަށް އެތެރެވާ މިންވަރާއި އެތެރެވޭ ދޮރުތައް އިތުރުވާންޖެހޭކަމުގައި
ކޫޕަރ ވިދާޅުވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އިންސާނީ އެހީގެ ގޮތުގައި އިތުރު ހަ މިލިއަން
ޕައުންޑް (7.9 މިލިއަން ޑޮލަރު) ގެ އެހީ އދ. ގެ ޕޮޕިއުލޭޝަން ފަންޑު މެދުވެރިކޮށް
ޣައްޒާއަށް ދިނުމަށް ނިންމާފައިވާކަންވެސް އިނގިރޭސިވިލާތުން އިއްޔެ އިޢުލާނުކޮށްފައިވެއެވެ.
ހަށިތައް ބަދަލުކުރުން ކުރިއަށް – ހަމާސް އިން ތިނެއް – އިސްރާއީލުން 45
އިއްޔެ ނޫން ކުރީ ދުވަހު (އާދީއްތަ ދުވަހު) ހަމާސް
އިން ވަނީ ތިން އަސީރެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިތައް އިސްރާއީލާއި
ހަވާލުކޮށްފައެވެ. އެއީ އިސްރާއީލު ސިފައިންގެ ތިން މީހެއްގެ ހަށިގަނޑު ނުވަތަ
ހަށިގަނޑުގެ ބައިތައް ކަމަށް އިސްރާއީލުން ކަށަވަރުކުރުމަށްފަހު އިއްޔެ އިސްރާއީލުން
ވަނީ ބަދަލުގައި ފަލަޞްޠީނަށް ނިސްބަތްވާ 45 މީހެއްގެ ހަށިގަނޑު ނުވަތަ
ހަށިގަނޑުގެ ބައިތައް ޣައްޒާއަށް ފޮނުވާފައެވެ. އެއްބަސްވެފައި އޮތީ ބޮލަކަށް 15 ބޮލުގެ
މަގުން ބަދަލު ކުރުމެވެ.
ހުޅަނގު އައްސޭރީގައި ފަލަޞްޠީނު ދެމީހަކު ސަހީދުކޮށްލި
އިއްޔެގެ ދެ ވަގުތެއްގައި ހުޅަނގު އައްސޭރީގައި
ފަލަޞްޠީނުގެ ދެ މީހަކު ސަހީދުކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެއީ އުމުރުން 17 އަހަރުގެ ޖަމިލް ހަނާނީ ނަމަކަށް ކިޔާ މީހަކާއި އުމުރުން 32 އަހަރުގެ
އަހްމަދު އަލް-އަތުރަޝް ނަމަކަށް ކިޔާ މީހެކެވެ.
ޖަމިލް ހަނާނީގެ ގަޔަށް އިސްރާއީލު ސިފައިން
ބަޑިޖެހީ އިސްރާއީލު ސިފައިންގެ ގަޔަށް ހަނާނީ ގާ އުކިކަމަށް ބުނެއެވެ. އަލް-އަތުރަޝް
ސަހީދުވީ ހުޅަނގު އައްސޭރީގައި ގަދަބާރުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީއަކު ދިން
ހަމަލައެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް