މާލޭގައި ސިނގެރޭޓު ބުއިން މަނާ ސަރަހައްދު ކަނޑަ އެޅުމަށް އާންމުރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ވިދާޅުވީ ސިއްޙަތު ސަލާމަތުން ބެހެއްޓުމަކީ ކޮންމެ އިންސާނަކަށް ލިބިގެންވާ ހައްގެއް ކަމުގައެވެ. ސިއްހަތު ފަސާދަ ކުރުވަނިވި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށް، ދުޅަހެޔޮކަމުގައި ދެމިހުރުމުގެ އިންސާނީ ހައްޤު ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
ޒަމާނީ ސައަންސުގެ އިލްމުން ދައްކާ ގޮތުގައި، ދުންފަތާއި ދުންފަތުގެ އިސްތިޢުމާލުކުރުމުން އަރާ ވިހަ ދުމުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރިކުރުވާ ބަލިތައް ޖެހޭއިރު އާއްމު ތަންތަނުގައި އާއި މަސައްކަތުގެ މާހައުލުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުން ދުންފަތާއި، އޭގެ ނުސީދާ ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހޭ މިންވަރާއި، މީހުން މަރުވާ މިންވަރު މަދުކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ވީހާވެސް ގިނަ އާއްމު ތަންތާނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށް ޤަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރުމުން ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ހިތްވަރު ލިބެގެންދާ ކަމުގައި ހާމަކޮށްފައިވެއެވެ.
އެގޮތުން ދުންފަތުގެ ވިހަ ދުމުން ސަލާމަތްވެ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ، އަދި ކުރާ އެއްމެނަށް ވެސް މަގުތަކާއި، ޢާންމު ތަންތާގައި ރައްކާތެރިކަމާއި އެކުގައި ހަރަކާތްތެރިވެ އުޅެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން، ކަނޑައެޅިފައިވާ ވަކިވަކި ޖާގަތަކުގައި މެނުވީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.
އިތުރަށް ބުނެފައިވާ ގޮތުން މަޤްސަދު ހާސިލް ކުރުމަށްޓަކައި މާލޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެ ގޮތަށް މަނާ ކަން އަންގައިދޭ ބޯޑު ހަރުކުރެވިފައި ހުންނާނެއެވެ. އަދ އެކި، ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްދަ ތަންތަން ކަމުގައި، ކަނޑައަޅައި، ފާހަގަ ކުރެވޭނެ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
މިސަރވޭގެ ބޭނުމަކީ މާލޭ ސިޓީގައި ހުރިހާ ޢާންމު ތަންތާންގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށް، އެކަން ހުއްދަކުރެވޭ ޚާއްސަ ޖާގަތަކެއް އެކަށައެޅުމާމެދު މާލޭ ސިޓީ ރަށްވެހިންގެ ޚިޔާލު ހޯދުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އަދި މި ސާވޭގެ ބައިވެރިންނަކީ ކާކު ކަން އަދި ދެއްވާ ޖަވާބު ތައްވެސް އެއްވެސް ފަރާތަަކަށް ނޭނގޭނެ ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް