ޖާބިރާއެކު މަތިވެރިއަށް ދިޔަ ބަޔަކު އަނިޔާ ކުރި މީހާއަށް މާބޮޑު އަނިޔާއެއް ނުލިބޭ!

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އއ. މަތިވެރިއަށް ވަޑައިގެންނެވުމުން އަނެއްކާވެސް ހަމަނުޖެހުމެއް ހިނގައިފި އެވެ. މީގެ ކުރިން އޭނާ މަތިވެރިއަށް ކުރެއްވި ދަތުރެއްގައި މުޒާހަރާ ކުރި ބައެއްގ...

04 Nov 2021 | 15:51

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އއ. މަތިވެރިއަށް ވަޑައިގެންނެވުމުން އަނެއްކާވެސް ހަމަނުޖެހުމެއް ހިނގައިފި އެވެ.

މީގެ ކުރިން އޭނާ މަތިވެރިއަށް ކުރެއްވި ދަތުރެއްގައި މުޒާހަރާ ކުރި ބައެއްގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފަ އެވެ.

މިއަދު އޭނާ އާއި އެކު މަތިވެރިއަށް ދިޔަ ބަޔަކު ވަނީ އެ ރަށު މީހަކު ޖާބިރުގެ ގެސްޓު ހައުސްގެ ކޮޓަރިއަކަށް ވައްދައި އަނިޔާކޮށްފަ އެވެ. އެމީހާއަށް އަނިޔާ ކުރި އިރު ޖާބިރު އެތަނުގައި ނެތް ކަމަށްވެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ބަޔަކު އެމީހާއާ މާރާމާރީ ހިންގީ އެ ހޮޓަލަށް ވަތްތަނާ ކަމަށް ކަމަށެވެ. އެހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ 4:50 ހާއިރު އެވެ.

ހާދިސާގައި އެމީހައަށް އަނިޔާ ލިބުނު ނަމަވެސް މާ ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެކަމަކު މަތިވެރީ ކައުންސިލުން މީޑިއާގައި ބުނީ އެމީހާގެ ލޯމަތިވެސް ދުޅަވެފައިވާ ކަމަށާއި ނޭފަތުންވެސް ވަރަށް ގަދަޔަށް ލޭއައި ކަމަށެވެ. އަދި އެ ރަށު ސިއްހީ މަރުކަޒުން ފަރުވާދީފައިވާ ކަމަށެވެ.

މަތިވެރި ކައުންސިލުން ބުނެފައިވާ ގޮތުގައި ޖާބިރާއި އެކު ދިޔަ މީހުން އެމީހާ އެ ހޮޓަލަށް ވެއްދީވެސް ގަދަކަމުންނެވެ. އަދި އެ މަންޒަރު ފެނުނު މީހުންވެސް އެބަތިއްބެވެ.

މިއަދު ހިނގި ހާދިސާ އާއި ގުޅިގެން ޖާބިރަށް "ދުވަސް" އިން ގުޅިއިރު ފޯނު ނުނަންގަވާތީ ޖަވާބެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މީގެ ކުރިން ޖާބިރު އެ ރަށަށް ވަޑައިގެންނެވިރޭވެސް ފުލުހުން ވަނީ ޖާބިރަށް ހިމާޔަތްދީފަ އެވެ. އަދި އެ ރަށުން އޭނާ ފޭބީ އެސްއޯ ފުލުހުން ގޮސް ފުލުހުންގެ ހިމާޔާތުގައި އެވެ.

ޖާބިރާއި މަތިވެރީ ރައްޔިތުން އަދި ކައުންސިލާ ދެމެދު ހިތްހަމަ ނުޖެހިގެން އުޅެނީ އެ ރަށުގައި އޭނާ ހިންގާ ކާޒާ މިއާ ގެސްޓު ހައުސްގެ ބިމު ކުލި ކައުންސިލަށް ނުދައްކާ މައްސަލާގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތަނުގެ ކުލި 2017 ވަނަ އަހަރުން ފެށިގެން އޭނާ ނުދައްކަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް