ދެވަނަ ފިޔަވަހީގެ އޯޕަން އެކްސެސް ނެޓްވޯކުން ޚިދުމަތް ދިނުމަށް އުރީދޫ އާއެކު އެޗްޑީސީ އިން އެއްބަސްވެއްޖެ

އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ އެއްމެހާ ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. މި އެއްބަސްވުމުގެ...

04 Nov 2021 | 15:04

އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ އެއްމެހާ ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ޚާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ ޚިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެ އެވެ. އަދި ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ އެވެ.

އިންޓަރނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭގޮތަށް އެޗް.ޑީ.ސީން ފަރުމާކޮށްފައިވާ މި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޚިދުމަތް ދޭން މިހާރު ވަނީ ދިރާގު އަދި މީޑިއާނެޓުން ފަށާފަ އެވެ.

އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގަ އެވެ. މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގައަކުން އަވަސްކަމާއި ޚިދުމަތް ދިނުމަށްދާ ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ދެއެވެ.

ހަމަ މިއާއެކު  މިފަދަ ޚިތުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ އެވެ.

އެޗް.ޑީ.ސީން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށެވެ.

އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަރނެޓާއި، ޓީވީއާއި އެހެނިހެން އެފަދަ ޚިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ ކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ޔަގީންކަން އަރުވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް