ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 11،000 އާއި ގާތް ކޮށްފި އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދު އިރުއޮއްސި 6:00 ގެ ނިޔަލަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 10،991 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އެއީ މިހާތަނަށް ބަލި ޖެހުނު މީހުންގެ 92.9 ޕަސެންޓެވެ.
މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 26 މީހުންނެވެ. އޭގެ ތެރެއިން 21 މީހުން މާލެއިން ޕޮސިޓިވްވެފައިވާއިރު ފަސް މީހުން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.
ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 21 ދިވެހިންނާއި ފަސް ބިދޭސީންނެވެ. މިއަދު ކޯވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ 1،130 ސާމްޕަލެވެ.
ކޯވިޑް ޖެހިގެން މިހާރު ފަރުވާދެމުން ދަނީ 786 މީހުންނަށެވެ. އޭގެ ތެރެއިން 52 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 185 މީހުން އެބަތިއްބެވެ.
މިއަދުގެ ނިޔަލަށް އަތޮޅު ތެރޭގެ 18 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 15 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި 11 ބިދޭސީންނެވެ.
ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 30 ރިސޯޓެއްގައި ކޯވިޑް ޖެހިފައިވާ މީހުން އެބަތިއްބެވެ. އެއީ 46 ޓޫރިސްޓުންނާއި 127 މުވައްޒަފުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 11،822 މީހުންނެވެ. އޭގެ ތެރެއިން 38 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް