ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން އުވައިލެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ރައްޔިތުން އެކަމަށް ބޭނުންވާ ނަމަ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިރޭ ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު އުވާލުމަށް ގައުމުތަކުން ރާއްޖެއަށް ގޮވާލާ ކަމަށެވެ. މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ނައްތައިލަން ގޮވައިލާ ގޮވައިލުންތައް ރާއްޖެއިން ފާހަގަ ކުރާ ކަމަށެވެ. އެކަމަކު މަޖިލީހުން ހަދަން ޖެހޭ ގާނުނުތައް ނުހަދައި، އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައި ނުލެވޭނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ. އޭޖީ ވިދާޅުވީ މަރުގެ އަދަބު ދިނުމަށްވުރެ ރާއްޖެއަށް މުހިންމީ، ޖިނައީ އަދުލުގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ.
ރިފްއަތު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުން ނުރަސްމީކޮށް ހުއްޓާލާފައި އޮތް އޮތުުން ދަމަހައްޓަން ސަރުކާރުން ވެފައިވާ ވައުދު ދަމަހައްޓާނެ ކަަމަށެވެ. އަދި މަރުގެ އަދަބު އަލުން ތަންފީޒު ކުރަން ފެށުމަށްވުރެ ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މާ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މެދުކަނޑާލާފައި އޮންނަތާ އެތައް އަހަރެއް ފަހުން މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ. މަރުގެ ހުކުމް އިއްވާ މީހުން މެރުމަށް މާފުށީ ޖަލުގެ މުވައްޒަފުން ތަމްރީންކޮށް، އެކަމަށް ބޭނުންވާ އާލާތްތައް ރާއްޖެ ގެނެސް ފުރިހަމަށް ތައްޔާރުކޮށްފައިވާން ޔާމީންގެ ސަރުކާރުގެ ނިމުމުގެ ކުރިން ވަނީ ހާމަކޮށްފައި އެވެ.
އެކަމަކު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް އަދި މިސަރުކާރުންވެސް މަރުގެ ހުކުމް އިއްވާފައިވާ އެއްވެސް މީހަކަށް މަރުގެ އަދަބު ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް