އިސްލާމް ދީނާއި ހިލާފު އެއްވެސް ހުށަހެޅުމެއް ރާއްޖެއިން ބަލައި ނުގަންނާނެ

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަނ...

04 Nov 2020 | 14:39

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަންނާނެ ކަމަށް ރާއްޖެއިން ބުނެފިއެވެ.

މި ސެޝަން އަކީ އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔޫޕީއާރް ސެޝަނެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ މިއަދުގެ ސެޝަންގައި، ރާއްޖޭން ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރާނެ ކަމަށެވެ.

ދިވެހި ރާއްޖެއިން މިއަދުގެ ސެޝަންއަށް ތިނެއް ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކް ހޯލްޑާ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށެވެ.

މި ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހޯމް މިނިސްޓަރު އިމްރާޏް އަބްދުﷲ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު،، ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް