އައްޑޫ ސިޓީ ކައުންސިލުން އެންގި އެންގުމާ ޚިލާފަށް ކުނި އެޅި މީހަކު 2500 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

އައްޑޫ ސިޓީ ކައުންސިލުން އެންގި އެންގުމާ ޚިލާފަށް ކުނި އެޅި މީހަކު 2500 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. އެ ސިޓީ ހިތަދޫ ހުޅަނގު އުތުރުފަރާތު އަތިރިމައްޗަށް ކުނި ނޭޅުމަށް އައްޑޫ ސިޓީ ކައުންސިލުން އެން...

04 Nov 2020 | 11:39

އައްޑޫ ސިޓީ ކައުންސިލުން އެންގި އެންގުމާ ޚިލާފަށް ކުނި އެޅި މީހަކު 2500 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އެ ސިޓީ ހިތަދޫ ހުޅަނގު އުތުރުފަރާތު އަތިރިމައްޗަށް ކުނި ނޭޅުމަށް އައްޑޫ ސިޓީ ކައުންސިލުން އެންގި އެންގުމާ ޚިލާފުވެގެން ޖޫރިމަނާ ކޮށްފައިވަނީ ސ.ހިތަދޫ ދާގަނޑުކެކުރިގެ އަލީ ޝިހާބު އެވެ.

އަލީ ޝިހާބު "ޑީސީސީ ޓްރޭޑަރސް" ގެ ނަމުގައި ހިންގަމުން ގެންދާ ފިހާރައިން ކުނީގެ ގޮތުގައި ނައްތާލުމަށް ބޭނުންވާ ތަކެތި މުނިޔާ މަންޒިލް ފުރަގަހުން (ހިތަދޫ ހުޅަނގު އުތުރުފަރާތް) އަތިރިމައްޗަށް އަޅައި، އަންދަމުންދާތީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު ފޮނުވި ސިޓީއަކުން އެ ސަރަހައްދަށް ކުނި ނޭޅުމަށް އަންގައި، އަދި އޭރު އެތަނަށް ޑީސީ ޓްރޭޑަރސް އިން އަޅާފައިވާ ކުނި 15 ދުވަހުގެ ތެރޭގައި ނަގައި ސާފުކުރަން އަންގާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

ނަމަވެސް އެކަމަށް އިޖާބު ނުދީ އެ އަމަލު ތަކުރާރުކޮށްފައިވާތީ މިއީ އާންމު އުނދަގުލާއި ބެހޭ ގަވާއިދުގެ 8 ވަނަ މާއްދާ އާއި ޚިލާފު އަމަލަކަށްވާތީ އެ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އަލީ ޝިހާބު 2500 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 10 ދުވަހުގެ ތެރޭގައި ހިތަދޫ އަވަށު އޮފީހަށް ދެއްކުމަށް އައްޑުސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. އަދި އެ ސަރަހައްދަށް ޑީސީ ޓްރޭޑަރސް އިން އަޅާފައިވާ ކުނި މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށާއި، ޑީސީ ޓްރޭޑަރސް އިން ކުނީގެ ގޮތުގައި ނައްތާލަން ބޭނުންވާ ތަކެތި ނެގުމަށް ވެމްކޯ ނުވަތަ ކުނި ނައްތާލުމުގެ ޚިދުމަތްދޭ ތަނެއްގައި ރަޖިސްޓްރީ ކުރުމަށް ވެސް ވަނީ އަންގާފައެވެ.

މި އެންގުމާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެކަން އަލީ ޝިހާބަށް އަންގާފައިވާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް