މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނައިބު ރައީސް އޮޅުން ފިލުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ބައްދަލުކުރައްވާ އެ ސަރވިސްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ. މި ބައްދަލުކުރެއްވ...

04 Nov 2020 | 11:25

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ބައްދަލުކުރައްވާ އެ ސަރވިސްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތްތައް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި، ޚިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް "ޑިޖިޓަލައިޒް" ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން، އެ ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ކަމެއްގައި ޝާމިލުވާ ހުރިހާ އިދާރާއެއްގެ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ނިންމުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ސަރވިސްއަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް