ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ތިންވަނަ ސައިކަލްގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަން މިއަދުގެ ޖެނީވާ ގަޑިން 14:30 ގައި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ.
އެގޮތުން، މި ސެޝަންގައި ވަރޗުއަލީ ބައިވެރިވެވަޑައިގެން ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ، ދިވެހިރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟު އިސްމާޢީލް އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.
ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަޙްމަދާއި، ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން މި ސެޝަންގައި އިން-ޕަރސަން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖޭން ހާސިލްކޮށްފައިވާ ކާމިޔާބީއާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަރވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޢަދުލު އިންސާފާއި، މުޖުތަމަޢުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ޚިޔާލުފާޅުކުރުމާއި ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާގުޅޭގޮތުން މިނިސްޓަރުން އިންޓަރވެންޝަން ހުށަހަޅުއްވާނެއެވެ.
މިއަދުގެ ސެޝަންގައި، ދިވެހިރާއްޖޭން 3 ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން އެދިފައިވާކަން ފާހަގަކުރަމެވެ.
ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ދިވެހިރާއްޖޭން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫ.ޕީ.އާރުގެ ވަރކިންގ ގްރޫޕަށް އެންގުމަށް ދިވެހިރާއްޖެއަށް 14 ޑިސެންބަރު 2020 އާ ހަމައަށް ފުރުޞަތު ވަނީ ލިބިފައެވެ.
މިއަދުގެ ސެޝަންއަށް ފަހު، 6 ނޮވެންބަރު 2020 ގައި ބާއްވާ ވަރކިންގ ގްރޫޕްގެ ސެޝަންގައި، ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްއިން ދިވެހިރާއްޖެއާގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓްކުރެވިގެންދާނެއެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، ޔޫ.ޕީ.އާރު. ގެ ތިންވަނަ ސައިކަލްގައި ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްގެ މި ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިން-ޕަރސަން އަދި ވަރޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލްއެއްގެ ގޮތުގައެވެ.
މިއަދު ބޭއްވޭ ޔޫ.ޕީ.އާރުގެ ދިވެހިރާއްޖޭގެ ރިވިއު ސެޝަންއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި، ޔޫ.ޕީ.އާރު. ގެ ވަރކިންގ ގްރޫޕްގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވަފުދުގައި ދައުލަތުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް