ކޮވިޑް-19އާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ނައިބު ރައީސް ފައިސަލް ނަސީމްގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރި މައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ހުކުމްކޮށްފި އެވެ.
ރައީސް ސޯލިހުއާ ނައިބު ރައީސް ފައިސަލްގެ އިތުރުން މަޖިލިސް މެމްބަރުންނާއި މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންގެ މުސާރަ ކޮވިޑް-19އާ ގުޅުގެން ވަނީ ހަ މަހަށް ކުޑަކޮށްފަ އެވެ. ރައީސާއި ނައިބު ރައީސްގެ މުސާރައަކީ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރައެއް ކަމަށް ވިޔަސް، އެ ދެ މަގާމު މުސާރަ ކުޑަކުރީ ގާނޫނު އިސްލާހު ކުރުމެއް ނެތި އެވެ. މީގެ އިތުރުން މުއައްސަސާތަކާ ބެހޭ ގާނޫނުތަކުގައި އެ މުއައްސަސާތަކުގެ ވެރިންގެ ދައުރު މުއްދަތުގެ ތެރޭގައި މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މަޖިލީހުން މުސާރަ ކުޑަކުރި މައްސަލައިގެ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލައިގެ އަޑު އެހުމުގެ ހުކުމުގައި ވަނީ، ކޯޓުތަކާ ބެހޭ ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ކަމަށެވެ. މުސާރަތައް ކުޑަކުރި މައްސަލައަކީ އެފަދަ މައްސަލައެއް ކަން ހަލީމްގެ ފަރާތުން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި އަދި އެ މައްސަލައަކީ ވަކިވަކި ފަރުދުންތަކަކާ ގުޅުން ހުރި މައްސަލަތަކެއް ސުޕްރީމް ކޯޓުގައި ހުކުމުގައި ވެ އެވެ.
އެހެންވެ، އެއީ ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އުއްތަމަ ފަނޑިޔާރުއަހުމަދު މުއުތަސިމް އަދުނާން ވިދާޅުވި އެވެ. އެމަނިކުފާނު އިއްވެވި ހުކުމަކީ ހުރިހާ ފަނޑިޔާރުންގެ އިފްތިފާގުން އިއްވި ހުކުމެވެ.
ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް