އާގިލްގެ ގާތިލުންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ ގާތިލުންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަ...

04 Nov 2020 | 08:32

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ ގާތިލުންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފި އެވެ.

އާގިލްގެ މަރުގެ މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. އާގިލްއަށް ހަމަލާދިިނުމުގެ ސަބަބުން މަރުވެގެން ވެއްޓިފައި އޮތީ ޖުމްހޫރީ މައިދާނު ކައިރީ ޗާންދަނީ މަގަށް ވާ ގޮތަށެވެ. އޭނާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފަ އެވެ. އާގިލްގެ މެޔަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ފުއްޕާމެއާއި ހިތަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.

އެ މައްސަލާގައި ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެމީހެއްގެ މައްޗަށް އުފުލާފަ އެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްް އެވެ. މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ހަމްދޫން ހަމްޒަތާއި އަލީ މިޖުވާދު މާލިކު އިބްރާހިމް އާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ.

އެ ހެކިތަކުގެ ތެރޭގައި މެޑިކަލް ލީގަލް ރިޕޯޓާއި، ޑީއެންއޭ ރިޕޯޓު، ފުލުހުންގެ ތަހުގީގު ރިޕޯޓުގެ އިތުރުން ސިއްރު ހެއްކި ވެސް ހިމެނެ އެވެ. އެގޮތުން މެޑިކަލް ރިޕޯޓުން ހާމާވާ ގޮތުގައި އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ އެތެރެއިން ވަނީ ބޮޑު ބާގަނޑެއް އުފެދިފަ އެވެ. އަދި ފުއްޕާމޭގެ ވައަތް ފަޅި ހިނދި ފޫއަޅުވާލާފައި ވުމުން ހިތުގެ ބޭރު ފަށަލަ އަށް ގެއްލުން ލިބި ހިތަށް ވަނީ ލޭއެޅިފައި ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ފުއްޕާމޭގައި ފެން ހެދި ހަށިގަނޑުގެ އެކި ތަންތަނަށްވެސް ވަނީ ފެން ލީކުވެފަ އެވެ. އަދި މެއިން ފެށިގެން ކަރާ ހަމަޔަށް ބޮޑުތަނެއް ކަފައިގެން ގޮސްފައިވާއިރު އޭނާގެ ކޮނޑު ހުޅު ނެއްޓި މޭގެ ބައެއް ކަށިތައްވެސް ވަނީ ބިންދައިގެން ގޮސްފައި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުންވެސް އޭނާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭއެޅި ފުއްޕާމޭގެ ކަނައަތް ފަޅިއަށްވެސް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އާގިލްގެ މެޑިކަލް ލީގަލް ރިޕޯޓް ތައްޔާރުކުރީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ބަޔާންތަކުޔުގެ ތެރޭގައި އާގިލްއަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނާ ބައެއްގެ ހެކިބަސް ހިމެނެ އެވެ. އެއިން ހެކި ބަހެއްގައި ވަނީ އާގިލަށް ހަމަލާ ދިނުމުން އެހެން މީހަކު އައިސް ހަމަލާދިން މީހުންގެ ތެރެއިން އެކަކު ގޮވައިގެން ދިޔަ ކަމަށެވެ. އަދި ހަމަލާދިނުމަށްފަހު ތިލާގައި ހަތަރު ފޫޓު ހުންނަވަރުގެ ވަޅިއެއް އާގިލްގެ ހަށިގަނޑާއި ދުރުކުރި މަންޒަރު ފެނުނު ކަމަށާއި އޭގެ ފަހަުން އާގިލް ވަރަށް ބާރަށް ހަޅޭލަވައިގަތުމަށްފަހު ދުއްވައިގަތް މަންޒަރު ފެނުންކަމަށްވެސް ހެކިންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހަމްޒަތާއި މިޖުވާދު ވަނީ އާގިލް މަރާލިކަމަށް އިންކާރުކޮށްފަ އެވެ. އަދި މާރާމާރީގެ ހާދިސާއެއް އާގިލަށް ހަމަލާދިން ރޭ ހިނގައިގެން އުޅޭކަން ނޭގޭ ކަމަށް އެ ދެ މީހުން ވަނީ ބުނެފަ އެވެ. އަދި އެ ރޭ އެމްއެމްއޭ ކައިރިއަށް ގޮސްފައިނުވާ ކަމަށް ވެސް ދެ މީހުން ވަނީ ބުނެފަ އެވެ. އެކަން ސާބިތު ކޮށްދިނުމަށްޓަކައި ވަނީ ހެކިތަކެއް ވެސް ހުށަހަޅައިފަ އެވެ.

އެ ދެ މީހުންގެ ހެކިތަށް ބަލައިނުގަނެވޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ ސަބަބެއް ކަމަށް ބުނީ، އެ މައްސަލައިގެ ތަހުގީގަށް ދީފައިނުވާ ހެކިތަކެއް ހުށަނޭޅޭނެ ކަމަށް ގާޒީ ކުރިން ނިންމާފައި ވުމުން ކަމަށެވެ. އަދި ގާޒީ އެގޮތަށް ނިންމުމުން ދައުުވާ ލިބޭ ދެ މީހުން ވެސް އެ ނިންމުން އިސްތިއުނާފު ކޮށްފައިނުވާތީ އިބްތިދާއީ މަރުހަލާގައި ގާޒީ ނިންމެވި ނިންމެވުން ދައުވާ ލިބޭ ފަރާތުންވެސް ގަބޫލު ކޮށްފައިވާކަން ސާބިތުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ، އެ މައްސަލާގައި ކުރިންހުށަހަޅާފައިވާ ހުށަހެޅުންތަކާއި ތަހްގީގަށް ދީފައިވާ ބަޔާންތަކަށް ރިއާޔަތް ކޯށް އަލުން ހެކި ހުށަހެޅޭނެ ކަމާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށް ކަމަށް ގާޒީ ވިދާޅުވި އެވެ.

ހަމްޒަތާއި މިޖުވާދު ބަންދުގައި ތިބޭތާ މިހާރު ވަނީ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހާގެ ބަންދު ކޮންމެ މަހަކު އެއްފަހަރު ރިވިއު ކުރަންޖެހެ އެވެ. މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވަނީ، އެ ދެ މީހުންނަށް ދައުވާ އުފުލަނީ ޖިނާއީ އެންމެ ބޮޑެތި ކުށްތަކުގައި ހިމެނޭ ކުށަކަށްވާތީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހުރުން ދަމަހައްޓަން ބޭނުންވާ ކަމަށް ގާޒީ ކައިރީގައި ދަންނަވާފަ އެވެ.

ދައުލަތުން އެގޮތަށް އެދުމުން މިޖުވާދުގެ ވަކީލު ވިދާޅުވީ، މިދިޔަ މަހު މިޖުވާދުގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު މިޖުވާދު އެހުރީ ގައިރު ގާނޫނީ ބަންދެއްގައި ކަމަށްވުމުން އޭނާ ދޫކޮށްލުމަށް ވަކީލު ވަނީ އެދިފަ އެވެ.

ނަމަވެސް ގާޒީ ނިންމެވީ ކުށުގެ ބާވަތުން މިޖުވާދު މުޖުތަމައުއަށް ދޫކުރެވެން ނެތްކަމަށާއި ޝަރީއަތް ނިމެންދެން މިޖުވާދު ޖަލުގައި ބަންދުކުރާށެވެ.

އާގިލްގެ މަރުގެ މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް އެވެ.

ތޫނު ހަތިޔާރުން ހަމަލާދީ އާގިމް މަރާލީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު އެވެ.

އެ މަރާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އާގިލް މަރާލީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި އެއީ މާލޭގައި އެ ދުވަސްވަރު ސިލްސިލާކޮށް ކުރިއަށް ދިޔަ މާރާމާރީގެ ތެރެއިން ޒަހަމްވި މީހެއްގެ ބަދަލު ހިފަން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް