ނަސްރުގެ ދުވަސް ފަހާގަކުރަން އިދިކޮޅުން ޕީއެންސީ އާއި ޕީޕީއެމްއިން އިން ރޭ ބޭއްވި ޖަލްސާއާ ގުޅިގެން ހައްޔަރުކުރި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ރޭގެ ޖަލްސާ ތެރެއިން ޝުޖާއު ވަނީ ހައްޔަރުކޮށްފަ އެވެ. ޝުޖާއު ވަނީ ރޭ ފުލުހުންގެ އިދާރާގައި ހަތަރު ގަނޑިއިރު ހޭދަކޮށްފަ އެވެ. އޭނާ ފުުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭގެ ޖަލްސާރާވައި އިންތިޒާމްކުރުމުގައި އޭނާ އިސްކޮށް އުޅުއްވުމާއި ގުޅިގެންނެވެ.
މިއަދު ޝުޖާއު ވިދާޅުވީ ފުލުހުން އޭނާއަށް ހަ ތުހުމަތެއް ކުރައްވާ ކަމަށެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުމުގެ އިތުރުން އެހެން ދައުވާތަކެއް ކަމަށެވެ. އެ ތުހުމަތަކުތަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅުން ބާއްވާ ޖަލްސާއަކާ ގުޅިގެން ތުހުމަތުތައް ކުރުމަކީ، ޑިމޮކްރަސީއެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި މިހާރު އިދިކޮޅުގެ ފަރާތްތަކަށް އަމާޒުކޮށް ޖިނާއި ކުށްތަކުގެ ތުހުމަތު ފުލުހުން ލައްވާ ކުރުވަނީ ސަރުކާރުން ކަމަށާއި އެކަން އެގޮތަށް ކުރަނީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އަދި ކޮވިޑް ވަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެއިން ވެސް ސަރުކާރު ގެންދަނީ ރައްޔިތުންނަށް އޮޅުވާލައި ނާޖާއިޒު ފައިދާ ހޯދަމުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވި އެވެ. އެހެންކަމުން ސަރުކާރު ޒިންމާދާރު ކުރުވުމަކީ އިދިކޮޅުގެ ޒިންމާއެއް ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް