ތަފާތުކުރާ ކަމަށް ވިދާޅުވެ މެމްބަރުންގެ ހޫނު ސުވާލުތަކެއް އަސްލަމަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރައްވާ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މެދުގައޮ ތަފާތު ކުރުންތަކެއް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދުު އަސްލަމް ގެންގުޅުއްވާ ކަމަށް ވިދާޅުވެ މެމ...

04 Nov 2020 | 07:10

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރައްވާ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މެދުގައޮ ތަފާތު ކުރުންތަކެއް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދުު އަސްލަމް ގެންގުޅުއްވާ ކަމަށް ވިދާޅުވެ މެމްބަރުންގެ ހޫނު ސުވާލުތަކެއް އަސްލަމަށް އަމާޒުކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާއަށް އަސްލަމް ހާޒިރުވީ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ ސުުވާލުތަކަށް ޖަވާބު ދިނުމަށެވެ. އެ ސުވާލަކީ ވެސް ބަޖެޓްގައި ހިމެނިފައި ނެތް މަޝްރޫއަކަށް 37.8 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް ސޮއިކުރަން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ. އެ މަޝްރޫއަކީ ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއު އެވެ.

ސިރާޖުގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ދުވާފަރު މަޝްރޫއަކީ އާ މަޝްރޫއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ސޮއިކުރެވުނު މަޝްރޫއެއްގައި އިތުރު މަސައްކަތެއް ކަމަށެވެ. އަދި އެގޮތަށް މަޝްރޫއަށް ބަދަލު ގެންނަނީ އެ ރަށެއްގެ ރައްޔިތުންނާއި ދާއިރާގެ މެމްބަތު އެގޮތަށް އެ ބަދަލު ގެންނަން ބޭނުންވާކަމަށް އެދުމުން ކަމަށެވެ.

"ހިނގަހިނގާ އޮތް މަސައްކަތެއްގެ ކަމެއް އެ ހިނގަނީ. އާންމު އުސޫލުން ކޮންމެ މަސައްކަތެއްގައި އިތުރު ކުރެވޭ މިންވަރެއް އެއީ. ވަރަށް ގިނަ މަޝްރޫއުތައް މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ އެދުމާ އެއް ގޮތަށް ވަރަށް ގިނަ މަޝްރޫއުތަކުގެ މަސައްކަތް އިތުރުކޮށްފައި އޮންނާނެ." އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް އަސްލަމްގެ އެ ޖަވާބަށް އެހެން މެމްބަރުން ދެއްވީ ހޫނު ރައްދެކެވެ. އެގޮތުން އިތުރު ސުވަލުކުރަން ލިބުނު ފުރުސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނު އަސާސީގައި ދައުލަތުން ބަޖެޓް ހަރަދު ކުރުމުގެ އުސޫލެއް އޮންނަ ކަމަށާއި ބަޖެޓްގެ ފައިސާ ހޭދަ ކުރަން ވާނީ އެ އުސޫލާ އެއް ގޮތަށް ކަމަށެވެ. އެ ނޫން ގޮތަކަށް ހޭދަ ކުރެވެން ވާނީ ހަމައެކަނި ކުއްލި ހާލަތެއްގައި ހޭދަ ކުރުމަށް އެކަނި ކަމަށް އަފީފް ވިދާޅުވިއެވެ. އަދި ވަކި ދާއިރާއެއްގެ އިތުރު މަގެއް ހެދުމަކީ އެފަދަ ކުއްލި ކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމުން އެ ބަޖެޓްގައި ނުވާ ކަންކަމަށް އެކި ވުޒާރާތަކުން ހޭދަކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އާޒިމް އާއި އަފީފުއަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ދުވާފަރު މަޝްރޫއަކީ ބަޖެޓް ކޯޑްގެ ތެރެއިން ހިންގާފައިވާ މަޝްރޫއެއް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ވަކި ދާއިރާއަކަށް ވީތީ މަޝްރޫއެއް މަޑުޖައްސާލާފައި ވެސް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މެމްބަރުންގެ ފާޑު ވިދާޅުވުންތަކާއި ދާއިރާތަކުގެ މެދުގައި ތަފާތުކުރާ ކަމުގެ ތުހުމަތު ކުރެވުމުން އަސްލަމް ވަނީ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެމްބަރުން އެގޮތަށް އެ ވާހަކަފުޅުތަށް ދައްކަވާނީ ކޮންމެވެސް މިންވަރަކަށް ދާއިރާތަކުގެ މެދުގައި ތަފާތުކުރުން އޮތުމުގެ ސަބަބުން ކަމަށެވެ.

އަސްލަމްއާ ދެކޮޅަށް ނަޝީދު ވާހަކަ ދެއްކެވީ ވަރަށް ނުރުހުންވެވަޑައިގެން ހުންނަވަ އެވެ. އިތުރަށް ނަޝީދު ވިދާޅުވީ، އަސްލަމަށް ދާއިރާތަކުގެ މެދުގައި ތަފާތު ކުރާކަމުގެ ތުހުމަތު ކުރެވެނީ ވަކި މެމްބަރުންތަކަކާ ގާތްގުޅުމެއް ބާއްވާތީ ކަމަށެވެ.

"މި ކަންކަމުން އެބަ ސާފުވޭ މީގައި ކަމެއް އުޅޭކަން. އަޅުގަނޑުގެ ވާހަކައަކީ ރެކިވަޑައިނުގަންނަވާށޭ އެގޮތަށް ދާއިރާތަކުގައި ޕްރޮޖެކްޓުތައް ގެންދަވާފިއްޔާ ވަރަށް ބޮޑު އިމްބެލެންސް، ވަރަށް ބޮޑެތި މައްސަލަ އުފެދިގެން އަންނާނެއޭ" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް މެމްބަރުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއިދުކުރައްވާ މެމްބަރުން ތިއްބަވާ ދާއިރާގެ ކަންތައް ހަލުވި ސްޕީޑެއްގައި ނިމި އާ މަޝްރޫއުތަށް ހަމަޖެހިގެންދާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަށް ސީދާ ޖަވާބެއް އަސްލަމް ނުދެއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް