ފިނޮޅުތަކަށް ދަތުރުދާ ފަރާތްތަކުން އެތަންތަނުގައި ތިބޭ ދޫނިތަކާއެކީގައި އުޅުމަށާއި އަދި ބޭރު ގައުމުތަކުން ރާއްޖެއަށް ހިޖުރަކޮށްފައިވާ އެ ދޫނިތަކަށް ގޯނާ ނުކުރުމަށް އެދި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ނަޝީދު ވިދާޅުވީ، ކޮވިޑު-19 އިގެ ރޯގާގެ ސަބަބުން ރާއްޖެއަ ދުނިޔެ ބަންދުވުމާ ގުޅިގެން ދޫނިސޫފާސޫފިތަކަށް ބިސް އަޅައި ވިހާނެ ޖާގައާއި މުއްދަތު ލިބިފައިވުމުން މިހާރު ރަށްރަށުގެ ތުނޑިންނާއި ފިނޮޅުތަކުން ގިނަ އަދަދެއްގެ ދޫނި ފެންނާނެ ކަމަށެވެ.
އެހެންވެ އެމަނިކުފާނު އެދިލައްވަނީ ފިނޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުން އެ ދޫނިތަކައި އެކު އުޅުމަށާއި އަދި ދޫނިތަކަށް ގޯނާނުކުރަން ކަމަށެވެ.
"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިހާރު ރާއްޖޭގެ ގިނަ ތުނޑިތަކުގައި އަދި ފިނޮޅުތަކުގައި ވަރަށް ދޫނި ގިނަ، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އެދޭ ކަމަކީ ފިނޮޅުތަކަށް މޫދަށް އެރެން ވަޑައިގަންނަވާއިރު އެ ދޫނިތަކަށް ވެސް ބައްލަވައިލައްވާ އެ ދޫނިތަަށް އެތާ ތިބިޔަސް ފުރަތަމަ އަރުއްވާ ގޮތަށް ފިނޮޅު ވަށާ ބުރެއް ޖައްސަވާ ހުރިއްޔާ ހުރިހާ ރިނދައެއް ނަންގަވާ އެ ބާވަތުގެ ކަންތައް ނުކުރައްވާ ދޫނިތަކާ ވެސް އެކީގައި މޫދަށް އެރި އުޅުއްވުމަށް އަޅުގަނޑު ވަރަށް އެދެން" ނަޝީދު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް ފަހު ތިން މަަހަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ދޫނި ހިޖުރަކުރާ މޫސުމެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހިޖުރަކުރާ ދޫނި ހިފައި އެއަށް ގޯނާ ކުރުމަކީ މަނާ ކަމެެކެވެ.
އެންވަޔަރުމެންޓު ޕްރެޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން މީގެ ކުރިން ބުނެފައިވަނީ ހިޖުރަކުރާ ދޫނިތަށް ހިފައި ގޯނާކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ހިއްކާފައިވާ ބިންތަކުގައާއި ފުޓްބޯޅަ ކުޅޭ ދަނޑުތަކުގައި މަޅިފަތި ޖަހައިގެން ދޫނި ހިފަން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.
ހިޖުރަކުރާ ދޫނިތަށް ހިފައި އެއަށް ގޯނާކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން އަންގާފައިވަނިކޮށް ވެސް ދެ ފަރާތަކުން ހިޖުރަކުރި ދޫނިތަށް ހިފައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެ ފޮޓޯތަކާ ގުޅިގެން އީޕީއޭއިން އެންގުމެއް އަންގާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް