ކުޅިވަރުގެ އަޚްލާޤު: ކުޅުންތެރިންނަށް ވެސް އަދި ސަޕޯޓަރުންނަށް ވެސް ދަސްކުރުން މުހިންމު އެއްޗެއް!

ކޮންމެ ކުޅިވަރެއްގައި ވެސް އެ ކުޅިވަރެއްގެ ރޫޙާއި އެއްގޮތަށް ކުޅެވެނީ އަޚުލާގު އޭގައި އިސްދައުރެއް އަދާކޮށްގެންނެވެ. ކޮންމެ ކުޅިވަރެއް ކުޅުނު ނަމަވެސް އަޚްލާގަކީ އެންމެ މުހިންމު އެކަތިކަން ހަނދާން ކުރ...

04 Nov 2020 | 06:29

ކޮންމެ ކުޅިވަރެއްގައި ވެސް އެ ކުޅިވަރެއްގެ ރޫޙާއި އެއްގޮތަށް ކުޅެވެނީ އަޚުލާގު އޭގައި އިސްދައުރެއް އަދާކޮށްގެންނެވެ. ކޮންމެ ކުޅިވަރެއް ކުޅުނު ނަމަވެސް އަޚްލާގަކީ އެންމެ މުހިންމު އެކަތިކަން ހަނދާން ކުރަންް ޖެހޭނެއެވެ. އެއީ ކުޅިވަރު ކުޅޭ ކުޅުންތެރިއަކަށް ވިޔަސް އަދި ކުޅިބަލަން ދަނޑަށް ވަންނަ ސަޕޯޓަރަކަސް ވިޔަސް މެއެވެ. ކަން މިހެން ހުރިނަމަވެސް ފަހަކަށް އައިސް ފެންނަ މަންޒަރުތަކުން މި ދެންނެވި ކުޅިވަރުގެ އަޚްލާގު ވަރަށް ބޮޑަށް ނެތެމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން ފަހަކަށް އައިސް ރާއްޖޭގައި ކުޅޭ ގިނަ ކުޅިވަރު މުބާރާތްތަކަކީ އެ ކުޅިވަރު މުބާރާތެއް ނިމޭ އިރު، ގިނަ އަޚުލާގީ މައްސަލަތަކަކާއި ގިނަ ހަމަނުޖެހުންތަކެއް ފެންމަތިވާ މުބާރާތަކަށް އޮންނަނީ ވެފައެވެ.

މި ފަހަކަށް އައިސް ބޮޑު ފުޓްބޯޅަ ދަށަށް ވެއްޓި ރާއްޖޭގައި އެންމެ ފޯރިޔާއި އެކު ކުޅެމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލް ކަމަށް ވާއިރު، ކޮންމެ އަހަރަކު ވެސް ފައިސާގެ ބޮޑެތި އަދަދުތަށް ދީގެން ފުޓްސަލްގެ ގިނަ މުބާރާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުގައި ކުޅެވެމުން ދެއެވެ. މިފަދަ ގިނަ މުބާރާތްތަކެއް ނިމިގެން ދަނީ މުބާރާތުގައި ކުޅޭ ކުޅުންތެރިންނާއި އެ މުބާރާތްތަކުގައި ޓީމުތަކަށް ސަޕޯޓު ދިނުމަށް ދަނޑަށް ވަން ސަޕޯޓަރުންގެ އަޚްލާޤީ އެތަކެއް މައްސަލަތަކަކުންނެވެ.

ގިނަ ރައްރަށުގައި ކުޅޭ މިފަދަ ފުޓްސަލް މުބާރާތްތަކުގައި މިފަދަ މައްސަލަތަށް ކުރިމަތިވެ ހަމަނުޖެހުން ބޮޑުވާތަން ފެންނައިރު، އެކަކު އަނެކަމުގެ ގައިގައި އަތްލާ ތަޅާފޮޅާ މާރާމާރީ ހިންގާ ސަޕޯޓަރުން ކުޅޭ ދަނޑުމައްޗަށް ފެންފުޅިއާއި މިނޫންވެސް ތަކެތި އުކާ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެގޮތުން ދާދި ފަހަކުން ވެސް މުބާރާތުގައި ހިނގި ހަމަ ނުޖެހުމެއްގެ ސަސަބަނުން އެ ރަށުގެެ ފުޓްސަލް ދަނޑު ވަނީ ވަރަށް ބޮޑަށް ހަލާކު ކޮށްލާފައެވެ. އަދި އެހެން ރަށެއްގައި ކުރިޔަށް ދިޔަ މުބާރާތެއްގައި ސަޕޯޓަރުންތަކެއް ވަނީ މެޗުގެ ރެފްރީކަން ކުރަމުން ދިޔަ ރެފްރީއެއްގެ ގައިގައި ފެންފުޅިއެއް އެއްލާ ޖަހާފައެވެ.

މެޗު ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުން ދަނޑަށް ގަލާއި ފެންފުޅި ފަދަ ތަކެތި އުކާ ކުޅުންތެރިންނަށާއި މެޗު އިންސާފުކުރުމަށް ދަނޑުގައި ތިބޭ ރެފްރީންނަށް ހަމަލާދީ ހަދާތަން ފެންނައިރު، މިފަދަ ކަންކަމަކީ ކުޅިވަރުގެ ރޫހާއި މުޅިން ޚިލާފު އަދި ކުޅިވަރުގެ އަޚްލާގީ މިންގަޑުން ބޭރު ކަންކަކެމެވެ.

ވިސްނާލާށެވެ.! ރާއްޖޭގައި ބާއްވާ ކޮންމެ މުބާރާތެއްގައި ވެސް އެ މުބާރާތް ކުރިޔަށް ގެންދާނެ ގޮތުގެ ޤަވާއިދެއް އެކުލަވާލެވިފައި އޮވެއެވެ. އެ ޤަވައިދުގައި ކަނޑައެޅިގެން ޚާއްޞަކޮށް ބަޔާންކޮށްފައިވާ އެއް މާއްދާއެއް އޮވެއެވެ. އެއީ މުބާރާތަކީ ކުޅިވަރުގެ ރޫޙު އާލާ ކުރުމާއި އެއްބަޔަކު އަނެއްބައެއްގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައެއް ވަންތަކަން އާލާކުރުމުގެ މަގުސަދުގައި ބޭއްވޭ މުބާރާތެއްކަމުގައެވެ. ހަގީގަތުގައި ވެސް ކުޅިވަރު މުބާރާތްތަކުގެ މަގުސަދަކީ ވެސް މިއެވެ. ތަޅާފޮޅާ މާރާމާރީ ހިންގާ ކުޅިވަރުގެ ރޫޙާއި ޚިލާފު އަޚްލާގީ ގޮތުން ދައް ފެންވަރުގެ އަމަލުތައް ހިންގުމަށް ހިއްވަރުދޭކަށް އެއްވެސް ތާކު ކުޅިވަރު މުބާރާތެއް ރާވާ ނުހިންގާނެއެވެ.

ނަމަވެސް އަޅުގަނޑުމެންގެ އަމަލުތަށް ހުންނަނީ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ތޯއެވެ.؟ ސަޕޯޓަރުން ސަޕޯޓުކުރަން ދަނޑަށް ވަދެ ސަޕޯޓު ކުރަނީ ކުޅިވަރުގެ އަޚްލާގާއި އެއްގޮތަށް ތޯއެވެ؟ ނުވަތަ ކުޅުންތެރިން ދަނޑުމަތީގައި މޮޅުވާން ކުޅެނީ ކުޅިވަރުގެ އަޚްލާގާއި އެއްގޮތަށް ތޯއެވެ.؟ މިހިރީ ހައްތަހާ ވެސް ދެކޮޅުން ވެސް ވިސްނާލަން ޖެހޭ މުހިންމު ކަންކަމެކެވެ. ކޮންމެ ކުޅިވަރެއް ކުޅުނަށް އެ ކުޅިވަރުގެ ރޫޙާއި އަޚްލާގާއި ޚިލާފު ނުވާގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަން ޖެހެއެވެ.

ތިމާ ބޭނުންހާ ގޮތަކަށް ކަންކަން ނުވުމަކީ ހަމަނުޖެހުން ހިންގަން ޖެހޭ ހާލަތެއް ނޫނެވެ. ހަމަ އެގޮތަށް ކުޅޭ މެޗަކުން މޮޅު ނުވެވުނީމަ އިދިކޮޅު ކުޅުންތެރިންނަށް އަނިޔާ ކޮށް ގަސްދުގައި ހަމަލާދީ، މެޗުގެ ރެފްރީން ގޯސްކޮށް ރެފްރީންނަށް ހަމަލާދީ ހަޑިހުތުރު ބަހުން މުއާމަލާތް ކޮށް ހެދުމަކީ ކުޅިވަރުގެ ރޫހާއި ޚިލާގު އަޚުލާގީ ގޮތުން ދައްފެންވަރުގެ އަމަލުތަކެވެ. މިފަދަ އަމަލުތަށް ހިންގާ ކުޅުންތެރިން ނުވަތަ ސަޕޯޓަރުން ނަކީ ކުޅިވަރުގެ ހަޤީޤީ މަގުސަދު ނޭންގޭ މީހުންނެވެ. އެފަދަ މީހުންނަށް ކުޅިވަރުގެ މުސްތަގުބަލެއް ނޯންނާނެއެވެ. ފުޓަސަލް ވިޔަސް ނުވަތަ އެހެން ކުޅިވަރެއް ވިޔަސް ކުޅިވަރުގެ އަޚްލާގު ނޭންގޭ މީހަކަށް އެ ކުޅިވަރަކުން ކުރިޔަކަށް ނުދެވޭނެއެވެ. ހައްތަހާވެސް ދާނީ ދަށަށެވެ. އެފަދަ ކުޅުންތެރިން މީހުން ބަލައެއް ނުގަންނާނެއެވެ. އެއީ ކިތެންމެ މޮޅު އަދި ހުނަރުވެރި ކުޅުންތެރިއަކަށް ވީ ނަމަވެސް މެއެވެ.

ކަން މިހެން ހުރިއިރު، މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ތިމާ ކުރިޔަށް ދާން ބޭނުންނަމަ ކުޅިވަރުގެ އަޚްލާގު ތިމާގެ ގައިގަ އަށަގަންނުވާ އެހެން މީހުންގެ އިތުބާރާއި ލޯބި ހޯދުމަށް ތިބާ މަސައްކަތް ކުރަން ޖެހޭނެއެވެ. އަދި ތިމާއަކީ މޮޅު ކުޅުންތެރިއަކަށް ވާއިރު، ތިމާއަށް ސަޕޯޓްކުރާ ސަޕޯޓަރުން ވެސް ވާން ޖެހޭނީ މިފަދަދަ ބަޔަކަށެވެ. ނޫނީ އެބައެއްގެ ވިދުން ދާދި އަވަހަށް ފަނޑުވެދާނެއެވެ.

ކުޅިވަރެއްގެ އެންމެ މުހިންމު އެއްޗަކީ އަޚްލާގެވެ. އަޚުލާގެއް ނެތް މީހަކަށް ކުޅިވަރެއް ނުކުޅެވޭނެއެވެ. އެފަދަ މީހުން މުޖުތަމައު ބަލައެއް ވެސް ނުގަންނާނެއެވެ. އެހެން ވީމާ ތިމާމެންނަކީ ކުޅިވަރުގެ ރޫޙާއި ޚިލާފަށް ދަށުދަރަޖައިގެ އަޚުލާގެއްގެ ވެރިބަޔަކަށް ނުވާށެވެ. އަބަދުވެސް އެހެން މީހުންނަށް ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައި ނޫނީ ނަމޫނާ ސަޕޯޓަރެއްގެ ގޮތުގައި ވުމަށް ތިބާ މަސައްކަތް ކުރާށެވެ.

ކުޅޭ ފުޓްސަލް މުބާރާތެއް ނުވަތަ އެހެންވެސް މުބާރާތެއްގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުން ހިންގުމަށް ހިއްވަރު ލިބޭފަދަ އަމަލުތައް ކުރުން ހުއްޓާލާށެވެ. މެޗެއްގެ ސަޕޯޓަރުން ވިޔަސް އަދި ކުޅުންތެރިތަކު ވިޔަސް ކުޅީވަރު ދަނޑުތަކުގައި އަމަލުތައް ބަހައްޓަން ވާނީ ކުޅިވަރުގެ ރޫޙާއި އަޚުލާގުގެ ގިއުގަނޑުގެ ތެރޭގައެވެ. އެހެން ނޫނީ ކުޅޭ އެންމެ ފުޓްސަލް މެޗެއްގެ ސަބަބުން ކުޅިވަރުގެ ރޫޙު ގެއްލި ހިނގައިދާނެއެވެ. އެފަދަ ކަންކަން ނުކުރުމަށް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ނަސޭހަތްތެރި ވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް