ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އެއްކުރިޔަސް ޕްރެޖެކްޓުތަށް ކުރިއަށް ގެންދިޔުމުގައި ދަތި ނުވާކަމަށް އެ ދެ މިނިސްޓްރީ އެއްކޮށްލައިގެން މިހާރު އުފައްދާފައިވާ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ހިންގުވާ ހަވާލުވެ ހުރި މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް މަޖިލީހަށް ހާޒިރުކުރަން ހުށަހެޅީ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖު އެވެ.
ސިރާޖު މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރުކުރުވީ، ކޮވިޑް-19 އިގެ ސަބަބުން ޕްރޮޖެކްޓުތަކުގައި ސޮއިކުރުން މަޑު ޖައްސާލަފައިވާ ވަގުތެއްގައި 37،871،786 ދިވެހި ރުފިޔާ ހަރަދު ކުރާ ގޮތަށް އިސްކަމެއްދީގެން ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއިކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުންނެވެ. އަދި އެ ޕްރޮޖެކްޓުގައި ސޮއިކުރުމުގައި މިނިސްޓިރީއިން އަމަލު ކުރައްވާފައިވާ ގޮތުގެ ތަފްސީލު ހޯދުމުގެ އިތުރުން، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނިފައި ނުވޭ "ރ. ދުވާފަރުު މަގު ހެދުން ފޭސް2" ޕްރޮޖެކްޓު 7،871،786 ރުފިޔާއަށް މިދުޔަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ސޮއިކުރި އުސޫލާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުގެ ޖަވާބު ދިނުމުން ލިބުނު އިތުރު ފުރުސަތުތަކުގައި މެމްބަރުން ވަނީ ސުވާލުކޮށްފަ އެވެ. އެގޮތުން ސައީދު ވަނީ އޭނާ ނިސްބަތްވަ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭ ގޮތުންނާއި ދެ މިނިސްޓްރީ އެއްކޮށްލުމުން އަސްލަމަށް މަސައްކަތް ލަސްވެ ނުވަތަ ދަތިތަކެއް ކުރިމަތިވޭތޯ އެއްސަވާފަ އެވެ.
ސައިދޫގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، 2008 ވަނަ އަހަރު އޭނާ ހަވާލުވީ ހަތަރު ވުޒާރާއެއް އެއްކޮށްލައިގެން އުފެއްދި ވުޒާރާއަކަށްވުމުން، އޭނާގެ މަސައްކަތުގައި ލަސްކަމެއް ހުންނަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަސައްކަތްތަށް ކުރިއަށް ގެންދިޔުމުގައި އެކަމުގެ ސަބަބުން ދަތިތަކެެއް ވެސް ކުރިމަތިނުވާ ކަމަށެވެ.
"ދެ ވުޒާރާ އެއްކޮށްލީމާ އަަޅުގަނޑަށް ވަރަށް އުދަގޫތޯއޭ، ނޫނީ މަސައްކަތް ލަސްވަމުން ދޭތޯއޭ، އަޅުގަނޑު ގަބޫލުނުކުރަން އަޅުގަނޑަކަށް އެ ޒާތުގެ އުދަގުލެއްވާކަން، އެއީ2008 ވަނަ އަހަރު އުފެދުނު ސަރުކާރުގެ އަޅުގަނޑު ހަވާލުވީ އޭރުގެ ރައީސް ޖުމްހޫރިއްޔާ ހަތަރު ވުޒާރާއެއް އެއްކޮށްލަފަ އުފެއްދި ވުޒާރާއާކާ، އޭރުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެކަން ކުރެވުނު، އެ ސަރުކާރު ނިމުމަކާ ހަމައަކަށް ގެނެވުނުއިރު ވެސް އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަށް އެޒާތުގެ ދަތިކަމެއްވާކަމަށް" އަސްލަމް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އާތިފަ ޝުކޫރުގެ ސިއްހީ ހާލަތު ދަށްވެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް ވިދާޅުވެ، ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް މަގާމުން އިސްތިއުފާ ދެއްވިކަން އަންގާ ސިޓީ ފޮނުވާފަ އެވެ. ހައުސިން މިނިސްޓަރުގެ މަގާމުގެ ސްލޮޓަކީ އެމްއާރްއެމްގެ ސްލެޓެކެވެ. ނަމަވެސް އިތުރު މިނިސްޓަރަކު އައްޔަން ކުރުމުގެ ބަދަލުގައި ރައީސް ސޯލިހު ވަނީ ޕްލޭނިން މިނިސްޓްރީ އުވާލާއި އެ ވުޒާރާގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް